ސްޕެނިޝް ލަލީގާ

ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ބާސާ ބަލިކޮށް، ރެއާލް އަލުން އެއްވަނައަށް

ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ވާދަވެރި ބާސެލޯނާ ބަލިކޮށް، ރެއާލް މެޑްރިޑް އަލުން ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު "އެލް ކްލެސިކޯ" މެޗުގައި ބާސާ އަތުން ރެއާލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ބާސާ އިންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ބާސާގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަނަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޔޯޑީ އަލްބާ ދިން ބޯޅައަކުން ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގްރީޒްމަން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އެ މެޗުގެ 34 ވަނަ މިނެޓުގައި ބާސާއަށް ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބާސާގެ ބްރެޒިލް މިޑްފީލްޑަރު އާތާ ފޮނުވާލި ހަމަލާ، ރެއާލްގެ ބެލްޖިއަމް ކީޕަރު ތިބައުޓް ކޯޓުވާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ވެސް ބާސާއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ. އެ ބޯޅަ މެސީއަށް ރަނގަޅަށް ފޮނުވާލެވިފައިނުވަނީ ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން ފަހަތުން އައިސް ކައިރީގައި ވިއްދުމުގެ ސަބަބުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފެކޭ ހިލާފަށް ދެވަނަ ހާފުގައި ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ރެއާލެވެ. އެގޮތުން ރެއާލުން ވަނީ ދެވަނަ ހާފު ފެށުނީއްސުރެ ކުރިއަށްޖެހި ބާސާގެ ގޯލަށް ނުރައްކާކޮށްފައެވެ.

ރެއާލަށް ލިބުނު ފުރަތަމަ ފުރުސަތަކީ މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ސްޕެއިން މިޑްފީލްޑަރު އިސްކޯއަށް ލިބުނު ފުރުސަތެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަކަށް އިސްކޯ އަމާޒުކޮށްލި ބޯޅަ، ބާސާގެ ޖަރުމަން ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ވެސް ރެއާލްގެ އިސްކޯއަށް ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އިސްކޯ ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިނު މަތިން ދިފާއުކުރީ ބާސާގެ ސްޕެއިން ޑިފެންޑަރު ޖެރާޑް ޕީކޭއެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކްރޫސް ދިން ރީތި ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އެޓީމުގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވިނީޝިއަސް ފޮނުވާލި ހަމަލާ، ބާސާގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕީކޭގެ ފައިގައި ޖެހިފައެވެ.

އެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޑެނިއެލް ކާވޭހަލް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މާރިއާނޯ ޑިއާޒެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މާރިއާނޯ އެ ލަނޑު ކާމިޔާބުކުރީ ކަރިމް ބެންޒެމާގެ ބަދަލުގައި ކުޅެން ނުކުތްތާ މާގިނައިރުތަކެއް ނުވަނީހެވެ.

ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު 26 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާސާއަށް 26 މެޗުން 55 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ސެވިއްޔާއަށް 26 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ގެޓަފޭއަށް 26 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.