އޭއެފްސީ ކަޕް ކޮލިފައިންގެ ޕްލިމިނަރީ ބުރުގައި ބަންގުލަދޭޝްގެ އަބަހާނީއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އޭއެފްސީން ޖޫރިމަނާކޮށްފިއެވެ.
މާޒިޔާއިން މިއަދު ބުނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗު ސުޒޭރު އޭއެފްސީން ޖޫރިމަނާ ކުރަން ނިންމާފައިވަނީ މާލޭގައި ކުޅުނު ޕްލިމިނަރީ ބުރުގެ ދެވަނަ ލެގު މެޗުގައި އަބާހަނީގެ ކުޅުންތެރިންނާ ދިމާއަށް ބޭއަދަބީ ބަހުން މުހާތަބުކޮށްފައިވާތީ ކަމަށެވެ.
އޭއެފްސީގެ ޑިސިޕިލިނަރީ މިންގަނޑުތަކާ ހިލާފުވެފައިވާތީ 1000 ޑޮލަރު (15،420 ރުފިޔާ) އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސުޒޭރަށް ވަނީ އަންގައިފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން ސުޒޭރު ވަނީ އެއް މެޗަށް ސަސްޕެންޑު ވެސް ކޮށްފައެވެ. މާލޭގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު ޕްލޭއޯފްގެ ފުރަތަމަ ލެގު މެޗަށްފަހު އެ ސަސްޕެންޝަން ވަނީ ނިމުމަކަށް އައިސްފައެވެ.
މާޒިޔާ އާއި ބަންގަލަދޭޝްގެ އަބަހާނީ އެއްވަރުވި އެ މެޗުގައި ހަމަނުޖެހުން ހިނގީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގައި އަބަހާނީގެ ކުޅުންތެރިޔަކު މާޒިޔާގެ ބެންޗު ކައިރިން ބޯޅަ އެއްލަން އުޅުމުގެ ތެރޭ މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީގެ ގައިގައި ޖެހުމުންނެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން އަބަހާނީގެ ކުޅުންތެރިން ވަނީ މާޒިޔާގެ ބެންޗު ކައިރިއަށް އެއްވެފައެވެ.