މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ފުރަތަމަ ލެގު މެޗުން މޮޅުވުމަކީ އެޑްވާންޓޭޖެއް ނޫން، އަހަރެމެންގެ މަސައްކަތެއް އަދި ނުނިމޭ: މާޒިޔާގެ ކޯޗު

އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ފުރަތަމަ ލެގު މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން މޮޅުވުމަކީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އެޑްވާންޓޭޖެއް ނޫން ކަމަށާއި ކުރަންޖެހޭ މަސައްކަތް އަދި ނުނިމޭ ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ޕްލޭއޯފްގެ ފުރަތަމަ ލެގު މެޗުގައި 2-1ގެ ނަތީޖާއަކުން ބެންގަލޫރު އެފްސީ ބަލިކޮށް، މާޒިޔާ އިން ވަނީ އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގެ ފުރުސަތު ބޮޑުކޮށްފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުނީ ބެންގަލޫރުގެ ދަނޑުގައި ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާ ނެރެން ޖެހޭނެ ކަމަށެވެ.

"މެޗުގެ ކުރިން ވެސް އަހަރެން ބުނިން މިއީ ފުރަތަމަ މެޗަށްވާތީ، މޮޅުވިޔަސް އެޑްވާންޓޭޖެއް ނޯންނާނެއޭ. އެމީހުންނަކީ ދެކުނު އޭޝިއާގެ އެންމެ ރަނގަޅު އެއް ޓީމު. އެމީހުން ކުޅުންތެރިންނަށް ބޮޑު ހަރަދުތަކެއް ކުރޭ. އެއީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެން މެޗުން މޮޅުވުމުން އުފާކުރަން. އެކަމަކު އަހަރެމެންނަށް އަދި މަސައްކަތެއް ނުނިމޭ. މިއަދު މަސައްކަތްކުރި ގޮތަށް މަސައްކަތްކޮށް ކުރިއަށްއޮތް މެޗުގައި ވެސް އަހަރެމެން ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާ ނެރެން ޖެހޭނެ،" އޭނާ ބުންޏެވެ.

ސެކުލޮވްސްކީ ބުނީ މިއަދުގެ މެޗުގައި ކުޅުންތެރިން ކުރި މަސައްކަތަށް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި ޓީމެއްގެ ގޮތުގައި ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.

"ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކި. ވަރަށް ރަނގަޅު ފައިޓެއް ދިން. ފަސް ފުރުސަތުގެ ތެރެއިން އަހަރެމެންނަށް ދެ ލަނޑު ކާމިޔާބުކުރެވުނު. އަހަރެމެން އެޓީމަށް ހުސް ފުރުސަތެއް ނުދެން. އެޓީމުން ލަނޑު ޖެހީ ޕެނަލްޓީން. އަހަރެމެން ބޭނުންވީ މެޗުން މޮޅުވާން. އަހަރެމެންނަށް މެޗުން މޮޅުވެވިއްޖެ،" އޭނާ ބުންޏެވެ.

ސެކުލޮވްސްކީ އިތުރަށް ބުނީ މެޗުގެ ކުރީކޮޅު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް އަނިޔާވުމުން ވެސް ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އަދި ބެންގަލޫރުން ލަނޑު ޖެހުމުން ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އަލުން ލީޑު ހޯދި ކަމަށެވެ.