ޕީޖީ އައިޝަތު ބިޝާމް

ބިޝާމް ވަކިނުކުރިޔަސް ރައީސް ނަޝީދު މައްސަލާގައި ވަކާލާތު ކުރި ވަކީލުން ވަކިކުރަންޖެހޭ: ނާޒިމް ސައްތާރު

މުހައްމަދު އައުޒަމް

1

ޕީޖީ ކަމުން ބިޝާމް ވަކިނުކުރިޔަސް ރައީސް ނަޝީދު މައްސަލާގައި ވަކާލާތު ކުރި ވަކީލުން ވަކިކުރަންޖެހޭ ކަމަށް ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.

ވަކީލު ނާޒިމް މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ބިޝާމް ވަކިނުކުރިޔަސް ޕީޖީގެ ބައެއް ވަކީލުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، ނާޒިމް ޓްވީޓް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވަނީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ.

ނަމަވެސް ނުފޫޒު ގަދަ މީހަކު ބިޝާމާ ހެދި ޑީލެއްގެ ދަށުން އެ މައްސަލަ އަނބުރާ ނަގާފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން މެމްބަރު އަބުޅޯގެ ބަހެއް އަދި ނުލިބެއެވެ.

ރައީސް ނަޝީދުގެ މައްސަލާގައި، ޕީޖީ އޮފީހުގެ ފަރާތުން ވަކާލާތު ކުރެއްވި ފަސް ވަކީލަކު ވަޒީފާ އިން ވަކިކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަކީލު ނާޒިމަކީ ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.

ނާޒިމްގެ އެ ޓްވީޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މީސް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން އެކަން ސިފަކުރައްވާފައި ވަނީ "ޖޯކެއް" ގެ ގޮތުގައެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ ބިޝާމަކީ ޕީޖީ އޮފީހުގެ އެންމެ އިސްވެރިޔާ ކަމުގައިވާއިރު، ކޯޓުގައި އެ އޮފީހުން ވަކާލާތު ކުރައްވާނީ ބިޝާމް އަންގަވާގޮތުގެ މަތިން ކަމަށެވެ. އެހެންކަމުން ބިޝާމް މަގާމުގައި ބެހެއްޓުމަށްފަހު، އާދައިގެ ވަކީލުންތަކެއް ޕީޖީ އޮފީހުން ވަކިކުރުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދު މައްސަލާގައި އެ ވަކީލުން ވަކާލާތު ކުރެއްވުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް ވެސް މީސް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟