ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސްޕޭސް ސައިންސް ޕްރޮގްރާމުތަކެއް ފެށުމަށް ނިންމައިފި އެވެ.
އެ ސްކޫލުން މައުލޫމާތު ދިން ގޮތުގައި ނާސާގެ ޕްރޮގްރާމްތަކެއް ފެށުމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް، އައިޖީއެސް އާއި ޣިޔާސުއްދީން ސްކޫލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އައިޖީއެސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް ރިފްއަތު މުހައްމަދެވެ. ޣިޔާސުއްދީން ސްކޫލުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ސްކޫލުގެ ޕްރިންސިޕަލް ތާހާ ސަލީމެވެ.
ޣިޔާސުއްދީން ސްކޫލުން މައުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމުގެ ދަށުން ފުރަތަމަ އެ ސްކޫލުގައި ފަށާނީ ހަނދަށް ދިއުމާއި ބެހޭ ގޮތުން ނާސާ އިން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ 2024 ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.
އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން ނާސާގެ އިންޖީނިއަރުންނާއި އެސްޓްރޮނޯޓުން އަދި ސައިންސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން އެ ސްކޫލުގައި ފޯމް ރޮކެޓެއް ޑިޒައިންކޮށް ތައާރަފު ކުރާނެ ކަމަށް ޣިޔާސުއްދީން ސްކޫލުން ބުނެއެވެ. އަދި ހަނދުގައި އިންސާނުންނަށް ސާފު ބޯފެން ފޯރުކޮށްދޭ ގޮތް ދެނެގަތުމަށް ފެން ފިލްޓާކުރާ ސިސްޓަމެއް ޑިޒައިންކޮށް ތަފާތު ތަހުލީލުތައް ކުރާނެ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.
މީގެ އިތުރުންވެސް ހަނދުގައި ތަފާތު ތަހުލީލުތައް ކުރުމަށް ދިގު މުއްދަތެއްގައި އިންސާނުންނަށް ދިރިއުޅެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ބެހޭ ދިރާސާކޮށް، ދަރިވަރުންގެ މެދުގައި ހިޔާލު ބަދަލު ކުރާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
ޣިޔާސުއްދީން ސްކޫލުގައި ހިންގުމަށް ނިންމި މި ޕްރޮގްރާމަކީ މުޅި ރާއްޖޭގައިވެސް ހިންގާ ފުރަތަމަ ސްޕޭސް ސައިންސް ޕްރޮގްރާމެވެ.