ހުން އައުން، ކެއްސުން، ކަރުގައި ރިއްސުން، އަރިދަފުސް ރޯގާ ޖެހުން އަދި ނޭވާ ކުރުވުން ފަދަ ކަންކަން ފާހަގަވާ ދަރިވަރުނާއި މުވައްޒަފުން ބަލި ރަނގަޅު ވަންދެން ގޭގައި މަޑުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އިލްތިމާސް ކޮށްފައިވަނީ ނޮވެލް ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަމަލު ކުރަންވީ ގޮތް އެންގުމަށް އާންމު ކުރި ސާކިއުލާއެއްގައެވެ.
މި ސާކިއުލާގައި މިނިސްޓްރީން ބުނީ މި އިރުޝާދު ތަކަކީ ދުނިޔޭގައި ފެތުރެމުންދާ މި ވައިރަހުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ އިރުޝާދުގެ ދަށުން ދީފައިވާ އިރުޝާދުތަކެއް ކަމަށެވެ. އަދި ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން ސްކްލޫގައި އުޅޭ އިރުވެސް ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން އެދިފައި ވެއެވެ. ކެއްސައި، ކިނބިހި އަޅާ އިރު ޓިޝޫއަކުން ނޭފަތާއި އަނގަ ނިވާކޮށް، ވަގުތުން ޓިޝޫ އެއްލާލުމަށް ފަހު އަތް ދޮވުމަށް މިސްޓްރީގެ ސާކިޔުލާގައި ވަނީ އެދިފައެވެ.
މީގެ އިތުރުން ބޭރުގައި އުޅެފައި ގެއަށް އަންނަ އިރު އާއި އަދި ސްކޫލުގައި ކުލާހުން ބޭރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު ރަނގަޅަށް އަތް ދޮވުމަށް ނުވަތަ ސެނެޓައިޒާ ބޭނުން ކުރުމަށްވެސް މިނިސްޓްރީން އެދެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މި މައުލޫމާތުތައް ސްކޫލު ދަރިވަރުންނާއި މުވައްފުންނާ ހިއްސާކޮށް، ސްކޫލު މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެދިފައެވެ.