ހުޅުމާލެ

ހުޅުމާލޭގެ ވެހިކަލް ކެޕޭސިޓީ އަކީ 82000 : ހުޅުމާލެ މެންބަރު

އިބްރާހިމް ޒަކީ

ހުޅުމާލޭގެ ޖުމުލަ ވެހިކަލް ކެޕޭސިޓީއަކީ 82،000 ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، އޭނާއަށް އެންމެބޮޑު މައްސަލައެއްގެ ގޮތުގައި ހުށަހެޅެނީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެކަންކުރާނެ އުސޫލެއް ހަމައެއް ނެތުމާއި އެކަމަށް ގޮތެއް ކަނަޑައެޅުމަށް އެދި ހުށަހެޅޭ މައްސަލަތައް ކަމަށްވެސް ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ، ހުޅުމާލޭގައި ވެހިކަލް ގެންގުޅުމާ ބެހޭގޮތުން ސިޔާސަތެއް ކަނޑައެޅުމަށް އެޗްޑީސީން ހިސާބުތަކެއް ހަދާފައިވާ ކަމަށެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި، މުޅި ހުޅުމާލެ (ދެފޭސް އެއްކޮށް) ގެންގުޅެވޭނީ 82،000 ވެހިކަލް ކަމަށްވެސް ވިދާޅުވިއެވެ.

އެއީ ހުޅުމާލެ ފޭސް އެކަކަށް 42،880 ވެހިކަލާއި، ފޭސްދޭކަށް 39،128 ވެހިކަލެވެ.

މެންބަރު އިތުރަށް ވިދާޅުވީ، އެޗްޑީސީިން ހަދާފައިވާ ހިސާބުތައް ދައްކާ ގޮތުން ހުޅުމާލޭ ފޭސް އެކެއްގައި ގެންގުޅެވޭނީ 2240 ކާރާއި 35،800 ސައިކަލެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ގެންގުޅެވޭނީ 2400 ވެހިކަލް ކަމަށާއި، އެހެނިހެން ގޮތްގޮތުގައި ގެންގުޅެވޭނީ 2400 ވެހިކަލް ކަމަށްވެސް ވިދާޅުވިއެވެ.

"ކެރީން ކެޕޭސިޓީ މި ކަލްކިއުލޭޓް ކުރާ ގޮތަކީ އެބޭފުޅުން ވިދާޅުވާ ގޮތުގައި، މަގުގެ ދިގުމިނަށް ބަލާފަ އޭތި ޑިވައިޑް ކުރަން މިޖެހެނީ އެތަނުގައި ޕާކު ކުރެވޭ ނިސްބަތަށް، މިސާލަކަށް އެއްކިލޯ މީޓަރެއްގައި 230 ކާރު ގެންގުޅެވޭ ކަމަށް މި ހިސާބުތަކުން ދައްކަނީ، އެހެންވާނަމަ ހުޅުމާލޭގެ ފޭސް އެކެއްގައި ގެންގުޅެވޭނީ 2240 ކާރު، 35800 ސައިކަލް، ޕަބްލިކް ޓްރާންސްޕޯޓްގައި ގެންގުޅޭ 2400 ވެހިކަލް އަދި އެހެނިހެން ގޮތްގޮތުގައި ގެނގުޅެވޭ 2400 ވެހިކަލް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ ހުޅުމާލޭ ރައްޔިތުންނަށް ވިޔަސް އެނޫން ގޮތަކަށް ވެހިކަލް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ.