ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލު ކުރީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހެދުމަށް ހަމަޖައްސާފައިވަނީ ބްލޮކް 369 ގައި ކަމަށެވެ. އެއީ ވިލާ ކޮލެޖް ހިމެނޭ ބްލޮކާއި ޖެހިގެން އޮންނަ ބްލޮކް އަދި މާލޭ ޖަލު ހުރި ބްލޮކް އެއްކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހަދަނީ ވަށާ ޖެހޭ ތައުލީމެއް ދެވޭނެ އިންތިޒާމާއެކު، އެއް ދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑެލް ސްކޫލުގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސްކޫލު އެހެން ސްކޫލުތަކާ ތަފާތު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އިމާރާތަކީ ޕީއެސްއައިޕީ 2019ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި ސްކޫލުގެ މަސައްކަތް އެސްޖޭ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 364 ދުވަސް ތެރޭ ނިންމުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މަސައްކަތް ހަވާލުކުރީ 74،938،390.28 (ހަތްދިހަ ހަތަރު މިލިއަން ނުވަލައްކަ ތިރީސް އަށްހާސް ތިންސަތޭކަ ނުވަދިހަ ރުފިޔާ އަށާވީސް ލާރި) އަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެޑިއުކޭޝަނުން ބުނީ މި ސްކޫލުގެ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހު މުޅިން ނިންމައި އެޑިއުކޭޝަނާ ހަވާލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރާއެކު މި އިމާރާތުގައި ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ޑިޒައިން ފަހުން ހިއްސާ ކުރާނެ ކަމަށާއި މި އިމާރާތުގައި 25 ކުދިންގެ ޖާގައިގެ 41 ކްލާސްރޫމު ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ސްކޫލަކީ 1000 ދަރިވަރުންނަށް ޖާގަ ދެވޭ ވަރުގެ ސްކޫލެއް ކަމަށް ވެސް އެޑިޔުކޭޝަނުން ބުނެއެވެ.