މޯބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ ފަސްވަނަ ޖީލުގެ ޚިދުމަތް ކަމަށްވާ 5ޖީގެ ޑެމޯއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރާގުން ދައްކާލައިފިއެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި 5ޖީ ޑެމޯ ދައްކައިލުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އަބަދުވެސް ދިރާގުން މަސައްކަތް ކުރަނީ އަލަށް ތައާރަފުކުރާ އާ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތް ރާއްޖޭގެ މާކެޓަށް ގެނެސްދިނުމަށް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް ގެންނަން ޖެހޭ އިތުރު ފާގަތި ކަމާއި ކުރިއެރުން ފޯރުކޮށްދިނުމުގައި ދިރާގުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެ ކަމަށްވެސް އިސްމާއީލް ވިދާޅުވިއެވެ.
އޭޝިއާގައި ރާއްޖެ ފިޔަވައި 5ޖީ ޑެމޯ ދައްކައިލައިފައިވާ އެހެން ގައުމު ތަކަކީ މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮންގް އަދި އިންޑިއާއެވެ.
ދިރާގުން ބުނި ގޮތުގައި 5ޖީ ހިދުމަތަކީ 4ޖީ ހިދުމަތުގެ ޑައުންލޯޑް ކުރެވޭ ސްޕީޑަށްވުރެ ދިހައެއް ނުވަތަ ވިހިގުނަ އަވަހަަށް ޑައުންލޯޑް ކުރުމުގެ ގާބިލުކަން ހުރި ހިދުމަތެއް ކަމަށެވެ. މީގެ ބޭނުން ރިމޯޓް ސާޖަރީ އަދި އޮޓޮމޭޓެޑް ދަތުރުފަތުރު ކުރުމުގެ ސިސްޓަމްތަކުން ރިއަލްޓައިމްކޮށް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
5ޖީ ފޯނު އަދި ޑިވައިސްތައް އަދި މާކެޓްގައި ލިބެން ނެތް ކަމުގައި ވިއަސް، ބޮޑެތި ޓެކް ކުންފުނިތަކުން މިހާރު އަންނަނީ އެފަދަ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތްކޮށް ޓެސްޓް ވެސް ކުރަަމުންނެވެ.