ސްޕެނިޝް ލަލީގާ

ވެލެންސިއާ އިން ބާސާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ވެލެންސިއާ އިން ބާސެލޯނާ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު އެ މެޗުގައި ވެލެންސިއާ އަތުން ބާސާ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ ބާސާގެ އާ ކޯޗު ކިކޭ ސެޓިއަންގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ދެވަނަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސާ ކުޅުނު ފުރަތަމަ މެޗުގައި ގްރެނޭޑާ އަތުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގެ ދިހަވަނަ މިނެޓުގައި ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހޯސޭ ލުއިސް ގާޔާއަށް ޖެރާޑް ޕީކޭ ކުރި ފައުލަކާ ގުޅިގެން ވެލެންސިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެކްސީ ގޮމޭޒް ފޮނުވާލި އެ ޕެނަލްޓީ، ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ.

އެ މެޗުގެ 29 ވަނަ މިނެޓުގައި ވެސް ވެލެންސިއާއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ގޮމޭޒް ފޮނުވާލި ހަމަލާ ސްޓެގަން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ކެވިން ގެމޭރޯ ފޮނުވާލި ހަމަލާ ވެސް ބާސާގެ ޖަރުމަން ކީޕަރު ސްޓެގަން ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގައި ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގާޔާ ނަގައިދިން ހުރަހަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގޮމޭޒްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ވެލެންސިއާ އިން ލީޑު ފުޅާކުރުމުގެ ކުރިން ބާސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 70 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައި ނުވާ އިރު، މެޗުގެ 74 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހިލޭ ޖެހުން ވެލެންސިއާގެ ކީޕަރު ޖައުމޭ ޑޮމިނެކް ވަނީ މަތަކޮށްފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ފެރަން ޓޮރޭސް ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ގޮމޭޒެވެ.

އެ ނަތީޖާއާއެކު ބާސާ ފަހަތަށް ޖައްސާލައި، ލީގުގެ އެއްވަނައަށް އެރުމަށް ރެއާލް މެޑްރިޑަށް ވަނީ ފުރުސަތު ތަނަވަސްވެފައެވެ. ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑް، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ 43 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ނަމަވެސް ބާސާ އިން ވަނީ ރެއާލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. މިރޭ ވިޔަޑޮއިޑްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ނުވަތަ އެއްވަރުވިޔަސް ރެއާލަށް ތާވަލުގެ އެއްވަނައަށް ޖެހިލެވޭނެއެވެ.