ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މުހައްމާ އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްއާ ވަނީ ފޯމް ހަވާލުކުރައްވައިފައެވެ.
މުހައްމާ އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު ކަމަށް ހޮވިވަޑައިގެންނެވި މުހައްމާ ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ.
އެއަށްފަހު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމާ ގުޅިގެން ޕާޓީގެ އުސޫލުތަކާ ހިލާފަށް އަމަލުކުރި ކަމަށް ނިންމައި، އެޕާޓީން މުހައްމާ ވަކިކުރިއެވެ. އެކަމާ ގުޅިގެން ގޮނޑި މައްސަލަ ޖެހުނު 12 މެމްބަރުންގެ ތެރޭގައި މުހައްމާ ވެސް ހިމެނުނެވެ.