ކެޕްޓަން ލިއޮނެލް މެސީގެ ލަނޑުން ބާސެލޯނާގެ އާ ކޯޗު ކިކޭ ސެޓިއަންއަށް ރަނގަޅު ފެށުމެއް ހޯދިއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސްޕެނިޝް ލަލީގާގެ މެޗުގައި ގްރެނޭޑާ އަތުން ބާސާ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ބާސާގެ ކޯޗުކަމުން އާނެސްޓޯ ވަލްވާޑޭ ދުރުކޮށް، އެ މަގާމަށް ގެނައި ސެޓިއަންއާއެކު ބާސާ އިން ކުޅުނު ފުރަތަމަ މެޗެވެ.
ބާސާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އެ މެޗުގެ ފުރަތަމަ ފުރަތަމަ ހާފުގައި އެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެސީ ދިން ބޯޅައަކުން ޖޯޑީ އަލްބާ ފޮނުވާލި ހަމަލާ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވެސް ނުރައްކާވެގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ގްރެނޭޑާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ޔޭން ބްރައިސް އެޓެކީ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާގެ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ގްރެނޭޑާއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ދެވަނަ ރީނދޫ ކާޑަކާއެކު އެޓީމުގެ ޖާމަން ސަންޗާޒަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އޭނާއަށް އެ ރަތް ކާޑު ދެއްކީ މެސީއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އާޓުރޯ ވިޑާލް ދިން ރީތި ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާ ތަރި މެސީއެވެ.
ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑް، އެއިން ކޮންމެ ޓީމަކަށް ވެސް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.