ތައުލީމީ ދާއިރާ

40 ސްކޫލެއްގައި ފޮތްތައް ޑިޖިޓަލައިޒް ކުރަނީ

މަރިޔަމް ޝަހުދާ

މިއަހަރު ތެރޭ 40 ސްކޫލެއްގައި ފޮތްތައް ޑިޖިޓަލައިޒް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދިރާސީ އާ އަހަރު ފެށުމާއި ގުޅިގެން މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ހަތަރު ކީ ސްޓޭޖުގެ ތެރެއިން ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލެއްގައި ފޮތްތައް ޑިޖިޓަލައިޒް ކުރާނެ ކަމަށެވެ.

ތައުލީމީ އާ މަންހަޖު ބެހިފައިވަނީ ޖުމްލަ ފަސް ކީ ސްޓޭޖެއްގެ މައްޗަށެވެ. އެގޮތުން ކީ ސްޓެޖް އެކެއްގައި ހިމެނެނީ ގްރޭޑު އެކަކުން ތިނަކަށެވެ. ކީ ސްޓޭޖު ދޭއްގައި ހިމެނެނީ ހަތަރަކުން ހަޔަކަށެވެ. ސާނަވީ މަރުހަލާއަށް ހާއްސަ ކީ ސްޓޭޖު ތިނެއްގައި ހިމެނެނީ ގްރޭޑު ހަތަކާއި އަށެކެވެ. އަދި ކީ ސްޓޭޖު ހަތަރެއްގައި ގުރޭޑު ނުވަ އަކާއި 10 ހިމެނޭއިރު ކީ ސްޓޭޖު ފަހެއްގައި ހިމެނެނީ މަތީ ސާނަވީ މަރުހަލާގެ ގުރޭޑުތައް ކަމަށްވާ 11 އާއި 12އެވެ. ފޮތްތައް ޑިޖިޓަލައިޒް ކުރަނީ ފުރަތަމަ ހަތަރު ކީ ސްޓޭޖަށެވެ.

ފާތިމަތު ނަސީރު ވިދާޅުވީ މިހާރު ކީ ސްޓޭޖު އެކެއް، ދޭއް، ތިނެއް އަދި ހަތަރަކުން ކޮންމެ ކީ ސްޓޭޖަކުން ފޮތްތައް ޑިޖިޓަލައިޒް ކުރުމަށް 10 ސްކޫލެއް ހޮވާފައިވާ ކަމަށެވެ. އަދި އެ ސްކޫލްތަކުގައި މި އަހަރު ތެރޭ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމް ޕައިލެޓް ކުރާނެ ކަމަށް ފާތިމަތު ނަސީރު ވިދާޅުވިއެވެ.

"ކީ ސްޓޭޖް އެކަކުން ވާނީ 10 ސްކޫލެއް ސިލެކްޓް ކޮށްފަ. ކީ ސްޓޭޖު ދޭކުން 10، ތިނަކުން 10 އަދި ހަތަރަކުންވެސް 10. މި 40 ސްކޫލުގައި މިކަން އަޅުގަނޑުމެން ޕައިލެޓް ކުރާނަން މިއަހަރު،" ފާތިމަތު ނަސީރު ވިދާޅުވިއެވެ.

ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަނީ އިންފޮމޭޝަންސް އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އަކީ އެޑިއުކޭޝަންގެ އާ ކަރިކިއުލަމްގެ މުހިއްމު ބަޔަކަށް ވުމުން ކަމަށް ފާތިމަތު ނަސީރު ފާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތަކީ ދަރިވަރުން އަތުގައި ހުރި ޓެބްލެޓުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް މިއަހަރު ތެރޭ ތައާރަފު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.