ތައުލީމީ ދާއިރާ

83000 ދަރިވަރުންނާ އެކު އާ އަހަރުގެ ކިޔެވުން ފަށައިފި، ނަސޭހަތާ އެކު އާ ވިސްނުންތަކެއް

މަރިޔަމް ޝަހުދާ

ދިރާސީ އާ އަހަރުގެ ކިޔެވުން 83000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށި އިރު، ސަރުކާރު ސްކޫލުތަކުގައި 73067 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދާނެ ކަމަށާއި އަމިއްލަ ސްކޫލުތަކާ އެކު ޖުމުލަ ދަރިވަރުންގެ އަދަދަކީ 83959 ކަމަށެވެ.

މިދިޔަ އަހަރު ދަރިވަރުން ތައުލީމު ހާސިލުކުރަމުން ދިޔަ ސްކޫލުތަކުގެ އަދަދަކީ 213 އެވެ. މިއަހަރު ދަރިވަރުން ތައުލީމު ހާސިލުކުރާނީ 212 ސްކޫލެއްގަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށި އިރު، ކެބިނެޓާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ވެސް މިއަދުގެ އެސެމްބްލީތަކުގައި ބައިވެރިވަޑައިގަތުމަށް ރައީސް ސޯލިހު ވަނީ ނިންމަވައިފަ އެވެ. އެ ގޮތުން ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހުރިހާ އަތޮޅުތަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ތައުލީމަށް ދެއްވާ ހާއްސަ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު ފައްޓަވާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިއަދު ބާއްވާ ސުކޫލްތަކުގެ އެސެމްބަލީތަކުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ރައީސް ސޯލިހު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ހުރިހާ ދަރިވަރުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފަ އެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވީ، މި ފެށި ދިރާސީ އާ އަހަރަކީ، އާ ފިލާވަޅުތައް ދަސްވެ، އާ ރަހުމަތްތެރީން ލިބި، އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަހަރަކަށް ވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

"އަދި މި ފެށި ދިރާސީ އާ އަހަރަކީ، މުޅި އުމުރަށް ދެމިގެން ދާނޭ ފަދަ ހަނދާންތަކަކާ އެކު ނިމިގެންދާ އަހަރަކަށް ވުމަށް އެދެން." ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އަހަރުގެ ކަލަންޑަރު ބުނާ ގޮތުން، ފުރަތަމަ ޓާމުގެ ކިޔެވުން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ކަމުން މި ޓާމުގައި ކިޔަވައިދޭނީ 90 ދުވަހު އެވެ. ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައިދޭނެ އެވެ. އެއީ 14 ޖޫން އިން ފެށިގެން ތިނެއް ޑިސެމްބަރުގެ ނިޔަލަށެވެ. މި އަހަރު ކިޔަވައިދޭ ދުވަހުގެ ޖުމުލަ އަދަދަކީ 198 އެވެ.

ތައުލީމީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ބޮޑު ޗުއްޓީ އަށް ސަރުކާރުން ވަނީ ތާރީހީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ބޮޑު ޗުއްޓީ ރާއްޖޭގެ ފަތުރުވެރިކަމުގެ މޫސުމާ ދިމާވާތީ، ސަރުކާރުން މިހާރު ވަނީ އެ ޗުއްޓީ ދެބަޔަކަށް ބަހާލައިފަ އެވެ. އެ ގޮތުން ބޮޑު ޗުއްޓީގެ ފުރަތަމަ ބައި ލިބޭނީ 31 މެއި އިން ފެށިގެން 11 އޯގަސްޓުގެ ނިޔަލަށެވެ. ދެވަނަ ބައި ހަޔެއް ޑިސެމްބަރުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.