ގައުމީ ފުޓުބޯޅަ ޓީމުގެ ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް އާއި ޑިފެންޑަރު މުހައްމަދު ސާމިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެއެވެ.
އައިސަމް އާއި ސާމިރު ވެސް މާޒިޔާއާ ގުޅިފައިވަނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ދެ ކުޅުންތެރިން ވެސް ކުރިން ފެނިގެންދިޔައީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ.
މިސީޒަނުގައި އައިސަމް ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ސީނިއާ ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފައެވެ. އަދި ފާއިތުވެދިޔަ ސީޒަންތަކުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ ސާމިރަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
މިއަހަރުގެ އޭއެފްސީ ކަޕަށް ވަރުގަދަކުރުމުގެ ގޮތުން ދާދި ފަހުން މާޒިޔާ އިން ވަނީ އަފްޣާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރެއް ވެސް ގެނެސްފައެވެ. މާޒިޔާ އިން ގެނައި ޑިފެންޑަރު މުހައްމަދު ޝާރިފަކީ 2015 ވަނަ އަހަރުން ފެށިގެން އަފްޣާން ގައުމީ ޓީމުގެ ޑިފެންސް ލައިނުގައި އިސްދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. މީގެ ކުރިން އޭނާ ވަނީ ރަޝިއާ، ސްވިޑަން އަދި ސައިޕްރަސްގެ ކުލަބުތަކަށް ވެސް ކުޅެފައެވެ.
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ރަނަރަޕް މާޒިޔާއަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ކަށަވަރުވާނީ ޕްރިލިމިނަރީ ބުރާއި ޕްލޭއޯފް ބުރު ކާމިޔާބު ކޮށްގެންނެވެ. އެ ދެ ބުރު ކާމިޔާބުކޮށްފިނަމަ، މާޒިޔާ ވާދަކުރަން ޖެހޭނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ ހިމެނޭ ސައުތު ޒޯން، "ގުރޫޕު އީ" ގައެވެ.
ސައުތު ޒޯންގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ނުކުންނަން ޖެހޭނީ ބަންގުލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށެވެ. ރަށުން ބޭރުގައި އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު ކުޅޭ ފުރަތަމަ ލެގު މެޗަށްފަހު، ރާއްޖޭގައި ކުޅޭ ދެވަނަ ލެގު މެޗަށް މާޒިޔާ ނުކުންނަން ޖެހޭނީ އަންނަ އަހަރުގެ ފެބްރުއަރީ 12 ގައެވެ.
ޕްރިލިމިނަރީ ބުރުން މޮޅުވެއްޖެނަމަ، މާޒިޔާއަށް ޕްލޭ އޯފް ބުރުން ޖާގަ ލިބޭނެއެވެ. އެ ބުރުގައި މާޒިޔާއަށް އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ޕްރިލިމިނަރީ ބުރުގައި ބެންގަލޫރު އެފްސީން ވާދަކުރަން ޖެހޭނީ ސްރީ ލަންކާގެ ޑިފެންޑާސް ނުވަތަ ބޫޓާންގެ ޕަރޯ ޔުނައިޓެޑާ ދެކޮޅަށެވެ.
މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ މާޒިޔާއެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 11 ޕޮއިންޓުގެ ލީޑެއްގައެވެ. މާޒިޔާއަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު އީގަލްސްއަށް 15 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.