ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އިސްތިއުފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
އަބުޅޯ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމާ ވަކިކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް ކަމަށްވާ އިރު، އަބުޅޯ ވިދާޅުވީ އިސްތިއުފާ ނުދެއްވައިފި ނަމަ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅުއްވާނެ ކަމަށެވެ.
"ޕީޖީ ބިޝާމް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ. ނޫނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނަން،" އަބުޅޯ ވިދާޅުވިއެވެ.
ޕީޖީގެ މަގާމުން މުހުތާޒް މުހުސިން ދުރުކުރުމަށްފަހު، އެ މަގާމަށް ބިސާމް އައްޔަންކުރީ 2015ގެ ނޮވެމްބަރު 24ގައެވެ. ބިޝާމަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮސިކިއުޓާ ޖެނެރަލެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ބިޝާމްއަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.