ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާއެކު ރާއްޖޭގެ ކާމިޔާބު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަދާފައިވާ ކޮންޓްރެކްޓް އުވާލައިފިއެވެ.
ފޭސްބުކް ޕޯސްޓެއްގައި ނިޒާމްބެ ބުނީ ސައިފް ސްޕޯޓިން ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ ދެ ފަރާތުން މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ފުރަތަމަ ފިޔަވަޅު ފުރިހަމަކުރެވިފައިވާ ކަމަށާއި ކުރިމަގުގެ ޕްލޭންތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.
ނިޒާމްބެގެ އިރުޝާދުގެ ދަށުން ސައިފް ސްޕޯޓިން ކްލަބުން ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ. މިދިޔަ އަންގާރަ ދުވަހު ކުޅުނު ކުއާޓާގެ މެޗުގައި ބަންގުލަދޭޝް ޕޮލިސް އެފްސީ އަތުން 3-1ގެ ނަތީޖާއަކުން ސައިފް ވަނީ ބަލިވެފައެވެ.
ބަންގުލަދޭޝް ޕްރިމިއާ ލީގު، ސައިފް ސްޕޯޓިން ކްލަބުން ނިންމާލީ ހަތަރުވަނައިގައެވެ. ލީގުގައި ކުޅުނު 24 މެޗުން ސައިފް ސްޕޯޓިން ކްލަބު ވަނީ 47 ޕޮއިންޓް ހޯދައިފައެވެ. ލީގު ޗެމްޕިއަންކަން ހޯދީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އޮސްކޯ ބްރުޒޯންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބަޝުންދަރާ ކިންގްސްއެވެ. ކުޅުނު 24 މެޗުން ބަޝުންދަރާ ވަނީ 63 ޕޮއިންޓް ހޯދައިފައެވެ.
ސައިފްއާ ހަވާލުވާން ނިޒާމްބެ ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުރީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ކޯޗުކަމުގެ މަގާމުގައެވެ.
މިދިޔަ އަހަރުގެ ތެރޭގައި އޭއެފްސީ އޭ ލައިސަންސް ނެގި ނިޒާމްބެ ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ނިޒާމްބެގެ ކޯޗިން ކެރިޔަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ހޯދައިދިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕް، ޓީސީން ކާމިޔާބުކުރީ ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ.
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދީ، 2015 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު މިދިޔަ ސީޒަނަށް ފަހު ވަނީ އެ ކްލަބު ދޫކޮށްލައިފައެވެ. އޭގެ ފަހުން އޭނާ ފެނިގެންދިޔައީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުންނެވެ.