ނޭޕާލުގައި ކުރިއަށްދާ ސާފް އަންހެން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި މިއަދު 13-0 އިން ބޫޓާން ބަލިކޮށްފިއެވެ.
ނޭޕާލްގެ ކަތަމަންޑޫ، ދަޝަރާތު ސްޓޭޑިއަމްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ހަތް ޓީމަކުން ވާދަކޮށްފައިވާ އިރު، ޓީމުތައް ވާދަކުރަމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި އިންޑިއާގެ އިތުރުން ޕާކިސްތާނެވެ. ގްރޫޕް ބީގައި ރާއްޖެ އާއެކު ދެން ހިމެނެނީ ނޭޕާލާއި ސްރީ ލަންކާގެ އިތުރުން ބޫޓާނެވެ.
ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 އިން ބަލިވި އިރު، ހޯސްޓް ގައުމު ނޭޕާލް ކައިރިން ބަލިވީ 11-0 ގެ ނަތީޖާއަކުންނެވެ. މިއަދު އެއަށްވުރެ ބޮޑު ބައްޔަކާއެކު ނިންމާލި އިރު، ރާއްޖެއަށް މުބާރާތް ނިމުނީ ޕޮއިންޓެއް ނުލިބިއެވެ.
މީގެ ކުރިން ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އަންހެން ސާފް ޗެމްޕިއަންޝީޕަކީ 2016 ވަނަ އަހަރުގެ މުބާރާތެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދިޔަ ނަމަވެސް، އޭގެފަހުން އަދި އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އަނެއްކޮޅުން ބޫޓާންގެ ނަތީޖާއިން ފެނިގެންދަނީ އެގައުމުން އަންހެން ފުޓުބޯޅައިގައި ހޯދާ ކުރިއެރުމެވެ. މިއީ އެޓީމުން ސެމީއަށް ދަތުރުކުރި ދެވަނަ ފަހަރެވެ. ދެން އެންމެފަހުން އެޓީމު ސެމީއަށް ގޮސްފައި ވަނީ 2022 ވަނަ އަހަރުއެވެ.
ބޫޓާނުން ސެމީގައި އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ އިރު، ނޭޕާލް ސެމީގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
މިއަދުގެ މެޗުގައި ބޫޓާނުން ރާއްޖެ ކޮޅަށް ޖެހި ގޯލުތަކުގެ ތެރެއިން ފަސް ގޯލު ޖެހީ ޑޭކީ ހަޒޯމެވެ. އަދި ޓީޝެރިން ޔަންޑެންއާއި ޕެމާ ޗޮޑެން ޓީޝެރިން، މީގެން ކޮންމެ ކުޅުންތެރިޔަކުވެސް ދެ ގޯލު މެޗުގައި ޖެހި އިރު، ސޯނަމް ޗޯޑެންއާއި ނަމްޔެލް ޑެމާ، ޑޭކީ ޔަންގްޑޮން އަދި ޓީޝެރިން ލަޑެން މެޗުގައި ބޫޓާނަށް ގޯލު ޖަހައިދިނެވެ.