ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފުޓްސަލްގެ ސަބަބުން ފުޓުބޯޅައަށް ފައިދާތަކެއް ވާ ކަމަށާއި، ފުޓްސަލްގެ ސަބަބުން ފުޓުބޯޅައަށް ހީނަރުކަން އަންނަކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ބުރު ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގު، ސާފް ޗެމްޕިއަންޝިޕަށް މެދުކަނޑާލުމަށްފަހު މިއަދު ފަށާނެއެވެ. މިއަދު ހަވީރު އޮންނާނީ ބުރު ސްޕޯޓްސް ކްލަބުން ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ސާފަށް ލީގު މެދުކަނޑާލުމަށްފަހު މިއަދު ލީގު ފަށާއިރު، ސާފްގެ ބްރޭކްގެ ތެރެއިން ކްލަބުތަކުން ފަރިތަކޮށްފައިވެއެވެ. ނިޒާމްބެ ބުރާއެކުވެސް ބްރޭކްގައި ރަނގަޅު ފަރިޔަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިއްޔެގެ ޕްރި މެޗު ޕްރެސްގައި އޭނާ ބުންޏެވެ.
"ތަމްރީނުތައް ވަރަށް ރަނގަޅަށް ދިޔައީ. ބްރޭކް ލިބުނުތަނުން ހަފުތާއެއް ދީފަ ތަމްރީނުތައް ފަށައިގެން، އަނެއްކާވެސް އީދަށް ބްރޭކެއް ދީފަ އަނެއްކާވެސް ތަމްރީނުތައް ފެށީ. ޝެޑިއުލް ކުރެވުނު ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިން. އެންމެ އެކަށީގެންވާ ވަރަށް ބްރޭކްގެ ބޭނުން ނުހިފުނު ނަމަވެސް، ބެންޗުން އަރަން ތިބި ކުޅުންތެރިންގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. ބައެއް ކުޅުންތެރިންނަށް އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ ކަންކަންވެސް ހުރި ގޮތުން އެކަށީގެންވާ ގޮތެއްގައި ތަމްރީނުތައް ކުރަން ފުރުސަތެއް ނުލިބުނު. އެއީ ސެމީ ޕްރޮފެޝަނަލް ކޮށް ކުޅޭއިރު އެކަންކަން އޮންނާނެވެސް ގޮތް،" ނިޒާމްބެ ބުންޏެވެ.
މިދިޔަ ބްރޭކްގެ ތެރެއިން އީދު ބަންދުވެސް އައިސްފައިވުމާއެކު، ގިނަ ކުޅުންތެރިންތަކެއް ރަށްރަށުގެ މުބާރާތްތަކަށް ގޮސް ކުޅެފައިވެއެވެ. އިއްޔެ ނިޒާމްބެ ބުނީ ބުރުގެ ދެ ކުޅުންތެރިޔަކު ފުޓްސަލް ކުޅެން ދިޔުމުން ފިޔަވަޅު އަޅާފައިވާ ކަމަށާއި، އެ ފިޔަވަޅު އެޅީ އެގްރީމަންޓްގައި އެގޮތަށް އޮންނާތީ ކަމަށެވެ. އެވާހަކައިގެ ތެރެއިން ކްލަބު މޯލްޑިވްސްއަށް އަލިއަޅުވާލައި ނިޒާމްބެ ބުނީ، އޮފީސްތަކުގެ މުބާރާތަކަށް ކްލަބު މޯލްޑިވްސް ވާތީ، އެ މުބާރާތް ކޮންމެހެންވެސް ކުޅެން ޖެހޭ ކުޅުންތެރިންތަކެއް ތިބޭ ކަމަށެވެ.
"ބުރަށް ކޮންމެވެސް ވަރަކަށް (ފުޓްސަލް) ގެ އަސަރު ކުރި. އެކަމަކު އެއީވެސް އެންމެ ދެ ކުޅުންތެރިން. ބުރުން ފުރަތަމަ އެއްބަސްވުން ހެދިއިރުވެސް ހިމަނާފަ އޮންނާނެ ފުޓްސަލްއަށް ނުދެވޭނެ ކަމަށް. ފުޓްސަލްއަށް ދިޔަ ކުޅުންތެރިންނާމެދު ބުރުން ފިޔަވަޅުވެސް އަޅައިފި. ދެން ކުރިއަށް އޮތް ކްލަބު މޯލްޑިވްސް ކަޕަށް ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޮފީސްތަކާ ވާހަކަ ދެކެވި، ކްލަބަށް އިސްކަން ދޭނެ ކަމަށް ވަނީ އެއްބަސްވެވިފަ. ފުޓްސަލް ކުޅުނު ނަމަވެސް، ކްލަބުގެ ފަރިތަކުރުންތަކާއި މެޗުތަކަށް ބުރޫނާރާނެ ގޮތަކަށް ގުޅިގެން މަސައްކަތް ކުރެވިފައި އޮތީ،" ނިޒާމްބެ ފާހަގަކުރިއެވެ.
ނިޒާމްބެ ބުނީ ބުރުގެ ފަސް ކުޅުންތެރިން ކްލަބު މޯލްޑިވްސް ކަޕްގައި ކުޅެން ޖެހޭ ކަމަށާއި، އެއީ އޮފީހަށް އޮތް ޒިންމާއެއްގެ ތެރެއިން ކަމަށެވެ. ފުޓްސަލްއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ރާއްޖޭގެ ފުޓުބޯޅައަށް ފުޓްސަލްއިން ފައިދާތަކެއް ކޮށްފި ކަމަށާއި، ފުޓްސަލްގެ ސަބަބުން ކުޅުންތެރިންގެ ހުނަރަށް ކުރިއެރުންތަކެއް ވެސް އައިސްފައިވާ ކަމަށެވެ.
"ފުޓްސަލްގެ ސަބަބުން ފުޓުބޯޅައަށް ހީނަރުކަމެއް ނާދޭ. ކުރިއާއި އަޅައިބަލާއިރު ރާއްޖޭގެ ކުޅުންތެރިންގެ ބޯލް ސްކިލްސް ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު ވެގެން ހިނގައްޖެކަން ފާހަގަކުރެވޭނެ. އެއީ ފުޓްސަލްގެ ސަބަބުން އައި ކަމެއް ކަމަށް ގަބޫލުކުރަނީ. އެއީ ފުޓްސަލްއަކީ ކުޑަ ސައިޒެއްގެ ތަންކޮޅެއްގައި ކުޅޭ ގޭމެއް ކަމަށްވުމުން، ކުޅުންތެރިޔާއަށް ބޯޅައާއެކު ގިނަ ވަގުތު ލިބި، ގިނައިން ގޮތް ނިންމަންވެސް ޖެހޭތީ. މިހާރު ބޯޅަ ކުޅެނީ ވަރަށް ކޮމްޕެކްޓްކޮށް، އެހެންވީމަ ކޮމްޕެކްޓް އޭރިއާތަކުގައި ކުޅެން ކުޅުންތެރިން ތަމްރީނުވޭ. ފުޓްސަލްއިން އަންނާނެ ހީނަރުކަމަކީ މި މުބާރާތްތަކުގަ ކުޅޭ ކުޅުންތެރިން، އެކުއެކީގަ ކުޅެން ޖެހިއްޖެނަމަ، އަނިޔާގެ ރިސްކް އޮތުން. އެއީ ގެއްލުމެއް، އެ ނޫން ކަމަށްވާނަމަ ފުޓްސަލްއިން އަންނާނީ ފުޓުބޯޅައަށް ކުރިއެރުން،" ނިޒާމްބެ ބުންޏެވެ.
ސާފަށް ލީގު މެދުކަނޑާލާފައި އަލުން ފަށައިގެން ކޮންމެ ޓީމަކަށް މަދު މެޗުތަކަކަށް ފަހު އަނެއްކާވެސް ލީގު ޖުލައި 26 އަށް މެދުކަނޑާލަން މިހާރު ވަނީ ނިންމާފައެވެ. އެއީ ޗެލެންޖެއްތޯ ސުވާލުކުރުމުން ނިޒާމްބެ ބުނީ މިދިޔަ 20 ވަރަކަށް އަހަރުވެސް ފުޓުބޯޅަ ދިޔައީ ދާދި އެއްގޮތަކަށް މިހެން ބްރޭކްތައް އަންނަމުން ކަމަށާއި، އެކަންކަމަށް މިހާރު ރަނގަޅަށް ތައްޔާރުވެވޭ ކަމަށެވެ.
ބުރުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.