ދިރާގު ޓީވީން "އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ފުރަމަ "ޕޭ ޕާ ވިއު" ފިލުމެއްގެ ގޮތުގައި ތައާރަފު ކޮށްފިއެވެ.
މި ފިލްމަކީ ބިރުވެރި، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އެކުލެވިގެންވާ، ޒުވާން ދެމަފިރިޔަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ފިލްމު ވަނީ ސިނަމާތަކުގައި އަޅުވައި އާންމުންގެ މަގުބޫލުކަން ހޯދާފައެވެ. މި ފިލްމު ދިރާގު ޓީވީން ފެނިގެންދާނީ އިނގެރޭސި ސަބްޓައިޓަލް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް ލިބޭ ގޮތަށް ކަމަށް ދިރާގުން މައުލޫމަތު ދެއެވެ.
"އައި ފިލްމްސް" އަކީ މިދިޔަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޏެކެވެ. "ބަވަތި" އަކީ މި ކުންފުނީގެ ފުރަތަމަ ފިލްމަށް ވާއިރު، މި ފިލްމުގައި މުޅިން އާ މޫނުތަކެއް ފެނިގެން ގޮސްފައި ވެއެވެ.
ދިރާގުން ބުނީ، މަސައްކަތްކުރަމުން އަންނަނީ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކުރުމަށް، ވީހާވެސް ގިނަ ދިވެހި ކޮންޓެންޓްތައް ފަސޭހަ ކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ވީއޯޑީ އޮން ޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި، ބޭނުންތަނެއްގައި ބަލައިލެވޭނެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން"ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެ އެވެ.
އެގޮތުން ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީއަށް ތައާރަފު ކުރެވިގެން މިދިޔަ، އެންމެ ފުރަތަމަ ދިވެހި ފީޗާ ފިލްމް "ބަވަތި" ބަލައިލަން ބޭނުން ވާ ފަރާތްތަކަށް ކޮންމެ 24 ގަޑިރަކަށް 35 ރުފިޔާގެ ރޭޓުން ރެންޓު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ދިރާގު ޓީވީން ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ފިލްމީ އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށާއި، ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށް އެފަރާތުން ބުންޏެވެ.
ދިރާގުން މަސައްކަތް ކުރަނީ، ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފްު ކުރިތާ ދެ އަހަރު ދުވަސް ވެފައިވާ އިރު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް އެ ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.