މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވަރުގަދަކުރުމަށް އެކްލަބަށް އަފްޣާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރެއް ގެނެސްފިއެވެ.
މާޒިޔާ އިން ބުނީ އަފްޣާން ޑިފެންޑަރު މުހައްމަދު ޝާރިފް ގެނެސްފައި މިވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ވެސް ޓީމު ވަރުގަދަ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ޝާރިފަކީ 2015 ވަނަ އަހަރުން ފެށިގެން އަފްޣާން ގައުމީ ޓީމުގެ ޑިފެންސް ލައިނުގައި އިސްދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. މީގެ ކުރިން އޭނާ ވަނީ ރަޝިއާ، ސްވިޑަން އަދި ސައިޕްރަސްގެ ކްލަބުތަކަށް ވެސް ކުޅެފައެވެ.
މިހާރު ވެސް މާޒިޔާގައި ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ. މާޒިޔާގައި މިވަގުތު ތިބި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސެއިންޓް ވިންސެންޓްގެ ހުނަރުވެރި ފޯވަޑް ކޯނެލިއަސް ސްޓްވާޓާއި އަފްޣާން ގައުމީ ޓީމުގެ ކީޕަރު އޮވޭސް އަޒީޒީއެވެ.
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ރަނަރަޕް މާޒިޔާއަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ކަށަވަރުވާނީ ޕްރިލިމިނަރީ ބުރާއި ޕްލޭއޯފް ބުރު ކާމިޔާބުކޮށްގެންނެވެ. އެ ދެ ބުރު ކާމިޔާބުކޮށްފި ނަމަ، މާޒިޔާ ވާދަކުރަން ޖެހޭނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ ހިމެނޭ ސައުތު ޒޯން، "ގްރޫޕު އީ" ގައެވެ.
ސައުތު ޒޯންގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ނުކުންނަން ޖެހޭނީ ބަންގުލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށެވެ. ރަށުން ބޭރުގައި އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު ކުޅޭ ފުރަތަމަ ލެގު މެޗަށްފަހު، ރާއްޖޭގައި ކުޅޭ ދެވަނަ ލެގު މެޗަށް މާޒިޔާ ނުކުންނަން ޖެހޭނީ އަންނަ އަހަރުގެ ފެބްރުއަރީ 12 ގައެވެ.
ޕްރިލިމިނަރީ ބުރުން މޮޅުވެއްޖެ ނަމަ، މާޒިޔާއަށް ޕްލޭ އޯފް ބުރުން ޖާގަ ލިބޭނެއެވެ. އެ ބުރުގައި މާޒިޔާއަށް އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ޕްރިލިމިނަރީ ބުރުގައި ބެންގަލޫރު އެފްސީން ވާދަކުރަން ޖެހޭނީ ސްރީލަންކާގެ ޑިފެންޑާސް ނުވަތަ ބޫޓާންގެ ޕަރޯ ޔުނައިޓެޑާ ދެކޮޅަށެވެ.
މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ މާޒިޔާއެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ނުވަ ޕޮއިންޓުގެ ލީޑެއްގައެވެ. މާޒިޔާއަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް 13 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.