އާސެނަލް

އާސެނަލްގެ ކޯޗަކަށް އާޓެޓާ ހަމަޖައްސައިފި

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މިކެލް އާޓެޓާ، އާސެނަލްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

އާސެނަލްގެ ކޯޗަކަށް އާޓެޓާ ހަމަޖެއްސުމުގެ ކުރިން އާޓެޓާ ހުރީ މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.

އުމުރުން 37 އަހަރުގެ އާޓެޓާ އާސެނަލްގެ ކޯޗަކަށް ހަމަޖެއްސުމަށްޓަކައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އާޓެޓާ އާސެނަލްގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2023ގެ ނިޔަލަށެވެ.

އާޓެޓާއަކީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލަށް ކުޅެ، ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އާސެނަލަށް 2011 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުޅެ، އެޓީމުގެ މެދުތެރޭގައި އިސްދައުރެއް އަދާކުރިއެވެ. އޭނާ 2016ގައި ރިޓަޔާވުމުގެ ކުރިން އެ ކްލަބާއެކު ވަނީ ދެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

އާސެނަލްގެ ކޯޗުކަމާ ހަވާލުވުމަށްފަހު އާޓެޓާ ބުނީ އެކްލަބަކީ އެންމެ ބޮޑެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް ކަމަށާއި އެކްލަބުގެ ކޯޗެއްގެ ގޮތުގައި ހަމަޖެހުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އާސެނަލުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކާމިޔާބީތައް ހޯދުމަށް އަހަރެމެންނަށް އެނގޭ ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާކަން. އަހަރެމެންނަށް އެކަން ކުރެވޭނެ. އެއީ އެންމެ ދުވަހަކުން ވާނެ ކަންތައްތަކެއް ނޫން. އެކަޑަމީން ތަމްރީނުވެގެން އަންނަ ޒުވާން ކުޅުންތެރިންނާއެކު އަހަރެމެންނަށް އެ އަމާޒަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ބުންޏެވެ.

އާސެނަލްގެ ނަތީޖާތައް ގޯސްވުމުގެ ސަބަބުން އެކްލަބުގެ ކޯޗުކަމުގެ މަގާމުން އުނާއީ އެމެރީ ވަކިކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާ މަގާމުން ވަކިކުރުމަށްފަހު، ވަގުތީ ގޮތުން އާސެނަލާ ހަވާލުވެފައިވަނީ ވެސް ކުރިން އެކްލަބަށް ކުޅުނު ފްރެޑީ ލިއުންބާގެވެ. ނަމަވެސް ލިއުންބާގަށް ވެސް އެންމެ އެދެވޭ ނަތީޖާތައް ހޯދައިދެވިފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު އާސެނަލް އޮތީ ކުޅުނު 17 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ. އާސެނަލާއި ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.