މޯލްޑިވްސް ބޯޓިން އެވޯރޑްސް

ބޯޓިން އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދަ ހޯކްސް

ފަސްވަނަ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދަ ހޯކްސް ހަމަޖައްސައިފިއެވެ.

ގޯލްޑް ޕާޓްނަރަކަށް ދަ ހޯކްސް ހަމަޖައްސައި ބޯޓިން އެސޯސިއޭޝަނުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި ދަ ހޯކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސެއިން އަމާނެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޝާހިދެވެ.

ދަ ހޯކްސްއަކީ ރާއްޖޭގައި ތެޔޮ ފޯރުކޮށްދޭ ދިވެހި ކުންފުންޏެވެ. ދަ ހޯކްސް އިން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކާއި ހޮޓެލް އޮޕަރޭޝަންތަކަށް ޑީސަލްއާއި ޕެޓްރޯލް ފޯރުކޮށްދެމުންދާތާ ދިހަ އަހަރަށް ވުރެ ދިގު މުއްދަތެއް ވަނީ ވެފަ އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑަކީ، ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ ބޯޓިން އެވޯޑްސް ގާލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ބޯޓިން އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލިއެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ މެންބަރުންނަށެވެ. އެ އެސޯސިއޭޝަންގެ މެންބަރަކަށް ވުމުގެ ފުރުސަތު ބޯޓިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަދި އެ އިންޑަސްޓްރީއާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބެއެވެ.

މިއަހަރުގެ ބޯޓިން އެވޯޑްސް ދެނީ 39 ކެޓަގަރީއަކުންނެވެ. އެވޯޑު ދޭނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލުންދޭ 70 އިންސައްތަ މާކްސް އާއި، އޮންލައިން އަދި އެސްއެމްއެސް ވޯޓުން ލިބޭ 30 މާކްސްއަށް ބަލައިގެން ކަމަށް އެންބީއޭއެމް އިން މައުލޫމާތުދެއެވެ.