ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އާއިޝަތު ބިޝާމް ދުރުކުރަން އުޅެނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އެ މަސައްކަތަކީ އިހުލާސްތެރި ނިޔަތެއްގައި ކުރާ މަސައްކަތެއް ނޫން ކަމަށް ބިޝާމް ވިދާޅުވެއްޖެއެވެ.
ޕީޖީ ބިޝާމް ނެރުއްވި ބަޔާނެއްގައި އެހެން ވިދާޅުވެފައިވާ އިރު، ބިޝާމް މަގާމުން ދުރުކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ޖުޑީޝަރީ ކޮމިޓީއަށް މިއަދު ހެނދުނު 11:00ގައި ހާޒިރުވުމަށް އޭނާއަށް ވަނީ އަންގައިފައެވެ.
ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވާ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުން މީހަކު ދުރުކުރުމަކީ ވަކި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގެ 'އެހެނިހެން' އައިޓަމްގެ ތެރެއިން ހުށަހެޅި ގޮތް ނިންމޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފައްޓަވާފައިވާ އިޖުރާއަތުތަކަކީ އިހުލާސްތެރި ނިޔަތެއްގައި ކުރިއަށްގެންދަވާ އަދި ގާނޫނު އަސާސީގެ ނައްސާއި ރޫހާ އެއްގޮތަށް ކުރިއަށްގެންދަވާ އިޖުރާއަތުތަކެއް ކަމުގައި އަޅުގަނޑަށް ގަބޫލުނުކުރެވޭ ވާހަކަ ދެންނެވީމެވެ..،" ބިޝާމް ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ބިޝާމް ވިދާޅުވީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަމުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އޭނާ ވަކިކުރުމުގެ މައްސަލަ އޮތް ކަމަށް މީގެ ކުރިން އަންގާފައި ނުވާ ކަމަށާއި ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލާއެކު ހާޒިރުވުމުގެ ފުރުސަތު އޮތްކަމާއި، މަޖިލީހުގެ ގަވާއިދުގައިވާ މުހުލަތުވެސް ލިބޭގޮތަށް މަޖިލީހުގެ އިދާރާއިން ސިޓީ ފޮނުވި އިރު، ޖަވާބުދާރީވާންވީ ކޮންކޮން ކަންތައްތަކަކާ ގުޅިގެންކަން މަޖިލީހުން ފޮނުވި ސިޓީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
"ޖަވާބުދާރީވާން ތައްޔާރުވުމަށްޓަކައި މުހުލަތެއް ދިނުމާއި، ޖަވާބުދާރީވާން ހާޒިރުވާއިރު ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭގޮތަށް އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ފަދައަކުން، ޖަވާބުދާރީވާން ޖެހޭ ކަންކަންވެސް ވަރަށް ސާފުކޮށް، ތަފުސީލުކޮށް ބަޔާންކުރައްވާފައި އެންގެވުމެވެ..،" ބަޔާނުގައި ބީޖީ ބިޝާމް ވިދާޅުވިއެވެ.
ބިޝާމް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަކީ، ފިޔަވަޅެއް އަޅާއިރު އެކަމަކާ ގުޅޭ ހުރިހާ އިޖުރާއަތުތަކެއްވެސް އަދުލުވެރިކަމާއެކު ކަށަވަރުކޮށްދިނުން ކަމަށާއި އަދި މިއީ މިނިވަން، ދިމިގުރާތީ މުޖުތަމައުތަކުން ބަލައިގަނެ، އިސްތިގުރާރުވެފައިވާ އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގިޔަމްތަކާއި މަބްދައުތައްވެސް މި ހައްގުގެ ދާއިރާ ކަނޑައެޅުމުގައި ބަލައިގަނެފައިވާ ކަންކަން ކަމަށެވެ.