ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލު ދަރިވަރުންނަށް ރިޕޯޓުފޮތް ދީފި އެވެ.
މިއަދު ހެނދުނު 7:00 އިން ފެށިގެން ސްކޫލުތަކުގައި ރިޕޯޓު ފޮތް ދޫކުރުން ކުރިޔަށް ގެންގޮސްފައިވާ އިރު، ބައެއް ސްކޫލުތަކުގައި އެކި ގްރޭޑު ތަކުގެ ދަރިވަރުންނަށް ރިޕޯޓު ފޮތް ދޫކުރުން މެންދުރުފަހުގެ ދަންފަޅީގައި ވެސް އޮންނާނެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން ޗުއްޓީއަށް ދާއިރު، މި ފަހަރުގެ ބޮޑު ޗުއްޓީއަށް 51 ދުވަސް ލިބޭނެ އެވެ. އަންނަ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ޓީޗަރުން ސްކޫލުތަކަށް ރިޕޯޓުކުރަން ޖެހޭނީ ހަތެއް ޖެނުއަރީގަ އެވެ.
މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ ޖެނުއަރީ 13 ވަނަ ދުވަހު އެވެ. މި އަހަރުގެ ފުރަތަމަ ޓާމުގައި 93 އަދި ދެވަނަ ޓާމުގައި ކިޔަވައިދިން 107 ދުވަހާ އެކު ޖުމުލަ 200 ދުވަހު ދަރިވަރުންނަށް ކިޔަވައިދީފައި ވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އާންމުކޮށްފައި އެކެޑެމިކް ކަލަންޑަރު ބުނާ ގޮތުގައި، އަންނަ އަހަރު ދަރިވަރުންނަށް 201 ދުވަހު ކިޔަވައިދޭނެ އެވެ. އެއީ ފުރަތަމަ ޓާމުގައި 90 އަދި ދެވަނަ ޓާމުގައި 111 ދުވަހު އެވެ.