ކުޑަކުދީން

ހާއްސަ އެހީއަށް ބޭނުންްވާ ފަސް އަހަރުގެ ކުއްޖަކު ގެއެއްގެ ހަތަރުވަނަ ބުރިން މަގުމައްޗަށް ވެއްޓި ޒަހަމްވެއްޖެ

މަރިޔަމް ޝަހުދާ

ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ކުއްޖަކު ގެއެއްގެ ހަތަރުވަނަ ބުރިން މަގުމައްޗަށް ވެއްޓި ޒަހަމަވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާ ވަނީ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ކުއްޖާ ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:28ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަގުމައްޗަށް ވެއްޓިގައި ވަނީ ފިރިހެން ކުއްޖެއް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އިމާރާތަކުން ވެއްޓިގެން ފަސް އަހަރުގެ ކުއްޖަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ކުއްޖާއަށް މިހާރު އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އެކުއްޖާގެ ހާލާ މެދު އަދި އެއްޗެއް ވިދާޅުވާން ނޭނގޭ ކަމަށް ވެސް އައްފާލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.