ތައުލީމީ ދާއިރާ

މަސައްކަތް ކުރަންވީ ކޮންމެ ކުއްޖެއްގެ ވެސް ތަބީއީ ގާބިލުކަން ކުރިއަރުވަން: އެޑިޔުކޭޝަން މިނިސްޓަރު

މުދައްރިސުން މަސައްކަތް ކުރަންވީ ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަ ތަބީއީ ގާބިލުކަން ފާހަގަކޮށް އެގާބިލުކަން ކުރިއަރުވައި ފުރިހަމަ ކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ ސުކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން، ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރުތަކުން ހޯދާފައިވާ ރަންވަނަތައް ގައުމީ ފެންވަރެއްގައި ފާހަގަކޮށް ދޭ "ކަލާސް އެވޯޑް" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ހުޅުމާލޭގައި ހުންނަ ހުރަވީ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝާ ވިދާޅުވީ، ކޮންމެ ދަރިވަރަކީ ވެސް ތަފާތު ނަފުސެއް ކަމަށާއި އެކި ކުދިން ތަބީއީ ގޮތުން މޮޅުވަނީ އެކި ކަންކަމަށް ކަމަށެވެ. އެގޮތުން އެކުއްޖެއްގެ ގާބިލުކަން ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މުދައްރިސުން ނަރުގިސް ގަހެއްގައި ކަރަންކާ މަލެއް އަޅުވަން އުޅެފިނަމަ، އެކުރެވެނީ ބޭކާރު ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަންވީ ކޮންމެ ގަހެއްގައި އޭގެ ތަބީއީ މާ އެދެވޭ ގޮތުގައި ފަރިކުރުވާން. ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ތަބީއީ ގާބިލުކަން ފާހަގަކޮށް އެ ގާބިލުކަން ކުރިއަރުވައި ފުރިހަމަ ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ދަރިވަރަކު ވެސް މަދަރުސާތަކުގައި ކިޔަވައިދޭ އިލްޒާމީ ތައުލީމު ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ކިޔެވުމުގެ އިތުރަށް މުޅި އުމުރުގައި ކަސްރަތާއި ކުޅިވަރު ކުޅެން ޖެހޭނެ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކޮށް، ހާއްސަކޮށް މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ ލިބިގަންނަންވާނެ ކަމަށް ވިދާޅުވިއެވެ.

ފިކުރީ ގޮތުން ދުޅަހެޔޮވިޔަސް، ކޮންމެ ކުއްޖަކު ސިއްހީ ގޮތުން ވެސް ދުޅަހެޔޮވާން ވާނެކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުޅިވަރަކީ މުޅި ހަޔާތުގެ ހުރިހާ ދުވަސްވަރަކު ކުރާ ކަމަކަށް ވާންވާނެ ކަމަށާއި އެއީ ހަށިގަނޑަށް ދޭން ޖެހޭ ހައްގެއް އަދި ދިރިއުޅުމުގެ އާދައަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ކުޅިވަރު ނުކުޅޭނަމަ، ހަރަކާތްތެރި ދިރިއުޅުމެއް ނޫޅޭނަމަ، މީހުންނަށް ތަފާތު ބަލިތައް ޖެހުން އަވަސްވޭ. މަސައްކަތަށް، ވަޒީފާއަށް ސަލާން ބުނުން ގިނަވޭ. މިކަމުގެ ސަބަބުން، މަސައްކަތް ކުރަން ދަތިވެ އުފެއްދުންތެރިކަން ދަށްވޭ. އާސަންދަ ފަދަ ތަންތަނުން ކުރަންޖެހޭ ހަރަދުތައް ބޮޑުވޭ. ނަތީޖާއެއްގެ ގޮތުން ގައުމުގެ ތަރައްގީގެ ދުވެލި މަޑުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.