މަތީ ސާނަވީ އިމްތިހާނުގެ ފީ އާ ގުޅިގެން ނުދައްކާ އެއްވެސް ފައިސާއެއް ޕެންޑިން ގައި ނުހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނުގެ ފީއަށް ދައްކާނެ ފައިސާ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އަތުގައި ނެތް ކަމަށް ދާދި ފަހުން ވަނީ ވާހަކަތަކެއް ދެކެވިފައެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި ކުރިއަށްދާ އޭލެވެލް އަދި އޭއެސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އިމްތިހާނު ފީގެ ހުރިހާ ޕޭމެންޓްއެއް ވަނީ ފުރިހަމައަށް ދައްކާ ނިމިފައި ކަމަށެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި މަތީ ސާނަވީގެ ލިޓްރޭޗާ އަދި ޖޯގްރަފީ އިމްތިހާންގައި ވެސް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް އެޑިއުކޭޝަން އިން ވަނީ ބުނެފައެވެ.
މަތީ ސާނަވީއަށް ކިޔަވާކުދީންގެ ތެރެއިން އޭއެސް އިމްތިހާނަކީ އެ ދަރިވަރުންގެ ފުރަތަމަ އަހަރު ހަދާ އިމްތިހާނެކެވެ. ދަރިވަރުންގެ ފުރަތަމަ ސެމިސްޓާގައި "ސީ" ފާސް އިން މަތީން ލިބޭ މާއްދާތަކަށް ހަރަދު ކުރާނީ ސަރުކާރުންނެވެ. އޭލެވެލް އިމްތިހާނަށް ސަރުކާރުން ފައިސާ ދައްކާނީ ދަރިވަރުގެ ތިންވަނަ ސެމިސްޓާގައި އެ ދަރިވަރު ކިޔަވާ މާއްދާތަކުން "އީ" ފާސް އިން މަތި ލިބިގެންނެވެ.
އޭލެވެލްގައި ކިޔަވާ އިނގިރޭސި ކަމަށްވާ ސީއޭއީ އާއި ސީޕީއީ އަށް ސަރުކާރުން ހަރަދުކުރާނީ ދަރިވަރަށް "ސީ" ފާހަކުން މަތީން ލިބިގެންނެވެ. އަދި ދިވެއްސާއި އިސްލާމަށްވެސް ސަރުކާރުން ހަރަދު ކުރާނީ އެފަދައިންނެވެ.