ބެޑްމިންޓަން

އަންހެނުންގެ ޑަބްލްސް އިވެންޓުން ރަން މެޑަލް ރާއްޖޭގެ ދެބެންނަށް

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެނުންގެ ޑަބްލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާގެ ޕެއާ ރަން މެޑަލް ހޯދައިފިއެވެ.

ޕާކިސްތާނުގައި ކުރިއަށްދާ އެ މުބާރާތުގެ އަންހެނުންގެ ޑަބަލްސް އިވެންޓުން އެއްމާބަނޑު ދެބެން ކަމަށްވާ ނަބާހާ އާއި ނަބީހާގެ ޕެއާ ރަން މެޑަލް ހޯދީ އެ އިވެންޓުގެ ފައިނަލުގައި ޕާކިސްތާނުގެ މަހޫރު އާއި ބުޝްރާގެ ޕެއާ ބަލިކޮށްގެންނެވެ.

އެ މެޗަށް ނުކުތް އިރު ނަބާހާ އާއި ނަބީހާއަށް މެޑައްޔެއް ކަށަވަރުވެފައިވީ ނަމަވެސް، ފައިނަލް މެޗުން މޮޅުވެ އެ ދެ ކުޅުންތެރިން ވަނީ ރަން މެޑަލް ހޯދައިފައެވެ. އެ އިވެންޓުގެ ރިހި މެޑަލް ލިބުނީ ނަބާހާ އާއި ނަބީހާގެ ޕެއާ އަތުން ބަލިވި ޕާކިސްތާނުގެ މަހޫރު އާއި ބުޝްރާގެ ޕެއާއަށެވެ. އަދި އެ އިވެންޓުގެ ލޯ މެޑަލް ހޯދީ ރާއްޖޭގެ ނީލާ ނަޖީބާއި މައިސާ ފަތުހުﷲގެ ޕެއާއެވެ.

ރާއްޖެއިން ވަނީ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފައެވެ. އެ އިވެންޓުގެ ފައިނަލުގައި ނޭޕާލުގެ އަމީތާ އާއި ދިޕޭޝްގެ ޕެއާ ބަލިކޮށް، ރަން މެޑަލް ހޯދީ ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާއެވެ.

އެ މުބާރާތުގައި ދެ ރަން މެޑަލް ހޯދައި، ރާއްޖެއިން ހޯދި ކާމިޔާބީއަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިޔުއެފް) އިން ބަލައިގަންނަ މުބާރާތަކުން ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބެޑްމިންޓަންގައި ރާއްޖެއިން ހޯދި ބައިނަލްއަގުވާމީ ފުރަތަމަ ރަން މެޑަލްއަކީ މިއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް އިވެންޓުން އާމިނަތު ނަބީހާ ހޯދި ރަން މެޑަލްއެވެ.