ބެޑްމިންޓަން

ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ ނަބާހާ އާއި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދައިފި

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހޯދައިފިއެވެ.

ޕާކިސްތާނުގައި ކުރިއަށްދާ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ނަބާހާ އާއި ޒަޔާންގެ ޕެއާ ރަން މެޑަލް ހޯދާފައިވަނީ އެ އިވެންޓުގެ ފައިނަލުގައި ނޭޕާލުގެ އަމީތާ އާއި ދިޕޭޝްގެ ޕެއާ ބަލިކޮށްގެންނެވެ.

ފައިނަލު މެޗުގައި ނޭޕާލްގެ ޕެއާ އަތުން ނަބާހާ އާއި ޒަޔާން މޮޅުވެފައިވަނީ ސީދާ ސެޓުންނެވެ. ރާއްޖޭގެ ޕެއާ ސެޓުތައް ގެންގޮސްފައިވަނީ 16-21 އަދި 19-21 އިންނެވެ.

މި ކާމިޔާބީއަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިޔުއެފް) އިން ބަލައިގަންނަ މުބާރާތަކުން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ. އަދި ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖެއިން ހޯދި ދެވަނަ ރަން މެޑަލްއެވެ. މީގެ ކުރިން ބެޑްމިންޓަންގައި ރާއްޖެއިން ހޯދި ބައިނަލްއަގުވާމީ ފުރަތަމަ ރަން މެޑަލްއަކީ މިއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް އިވެންޓުން އާމިނަތު ނަބީހާ ހޯދި ރަން މެޑަލްއެވެ.

ޕާކިސްތާނުގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެއިން ވަނީ ދެ އިވެންޓަކުން ލޯ މެޑަލް ވެސް ހޯދައިފައެވެ. އަންހެނުންގެ ސިންގަލްސް އިވެންޓުން ރާއްޖޭގެ ނީލާ ނަޖީބް ލޯ މެޑަލް ހޯދި އިރު، އަންހެނުންގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ނީލާ އާއި މައިސާ ފަތުހުﷲ ވަނީ ލޯ މެޑަލް ހޯދައިފައެވެ.

އޭގެ އިތުރުން އެ މުބާރާތުގެ އަންހެނުންގެ ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދުމުގެ ފުރުސަތު ވެސް ރާއްޖެއަށް އެބައޮތެވެ. ޑަބަލްސް އިވެންޓުގެ ފައިނަލުގައި މިއަދު ރާއްޖޭގެ ދެބެން ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ ނުކުންނާނެއެވެ.