މުހައްމަދު ނިޒާމް (ނިޒާމްބެ)

ނިޒާމްބެ ބަންގުލަދޭޝް ޕްރިމިއާ ލީގުގެ ކްލަބެއްގެ ކޯޗުކަމާ ހަވާލުވަނީ

ރާއްޖޭގެ ކާމިޔާބު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)، ބަންގުލަދޭޝް ޕްރިމިއާ ލީގުގެ ކްލަބެއްގެ ކޯޗުކަމާ ހަވާލުވާން ނިންމައިފިއެވެ.

ގައުމީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ނިޒާމްބެ ހަވާލުވުމަށް ނިންމާފައިވަނީ ބަންގުލަދޭޝް ޕްރިމިއާ ލީގުގެ ކްލަބު ސައިފް ސްޕޯޓިން ކްލަބާއެވެ.

ސައިފް ސްޕޯޓިން ކްލަބަކީ 2016 ވަނަ އަހަރު އުފެއްދި ކްލަބެކެވެ. ސައިފް އެސްސީގެ ފުރަތަމަ އަހަރު އެ ކްލަބުން ވަނީ ބަންގުލަދޭޝްގެ ދެވަނަ ޑިވިޝަން ކަމަށްވާ ބަންގުލަދޭޝް ޗެމްޕިއަންޝިޕް ލީގުގައި ވާދަކޮށް، ރަނަރަޕުންގެ ގޮތުގައި ބަންގުލަދޭޝް ޕްރިމިއާ ލީގަށް ޕްރޮމޯޓުވެފައެވެ. އޭރު އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރީ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އިރުޝާދު ދިން ނިކޮލާ ކަވަޒޮވިޗްއެވެ.

މިއަހަރުގެ ބަންގުލަދޭޝް ޕްރިމިއާ ލީގުގައި ސައިފް އެސްސީ ނިންމާލީ ހަތަރުވަނައިގައެވެ. މިއަހަރުގެ ލީގު ޗެމްޕިއަންކަން ހޯދީ ބަޝުންދަރަ ކިންގްސްއެވެ. އެ ކްލަބަށް އިރުޝާދު ދެނީ ނިއުއަށް 2017ގެ ދިވެހި ޕްރިމިއާ ލީގާއި އެ އަހަރުގެ އެފްއޭ ކަޕާއި އެ އަހަރުގެ ޕްރެސިޑެންޓްސް ކަޕުގެ އިތުރުން 2018ގެ އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިން ކޯޗު އޮސްކާ ބްރުޒޮންއެވެ.

ދާދި ފަހުން އޭއެފްސީ އޭ ލައިސަންސް ނެގި ނިޒާމްބެ ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ނިޒާމްބެގެ ކޯޗިން ކެރިޔަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބަކީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ހޯދައިދިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕް، ޓީސީން ކާމިޔާބުކުރީ ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ.

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދީ، 2015 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު މިދިޔަ ސީޒަނަށް ފަހު ވަނީ އެ ކްލަބު ދޫކޮށްލައިފައެވެ. އޭގެ ފަހުން އޭނާ ފެނިގެންދިޔައީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުންނެވެ.