އާސެނަލް

ސަޕޯޓަރުންނަށް ރައްދުކުރެވުނު ހުތުރު ބަސްތަކާ މެދު ޖަކާ ހިތާމަކުރޭ: އެމެރީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އާސެނަލްގެ ކެޕްޓަން ގްރެނިޓް ޖަކާ ހިތާމަކުރާ ކަމަށް އެ ކްލަބުގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސް އަތުން 2-2ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި އާސެނަލްގެ ސަޕޯޓަރުންނާ ދިމާއަށް ޖަކާ ވަނީ ހުތުރު ބަސްތަކެއް ރައްދުކޮށްފައެވެ. އެ ހާދިސާއާ ގުޅިގެން ޖަކާއަށް ވަނީ އާސެނަލްގެ ލެޖެންޑުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައެވެ.

ކަރަބައޯ ކަޕްގައި މާދަމާ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެމެރީ ބުނީ ޖަކާގެ ކުރިމަގާ މެދު ވާހަކަދައްކަން ބޭނުން ނުވާ ކަމަށާއި ފުރަތަމަ ކަމަކަށް ހިނގައިދިޔަ ހާދިސާއިން ޖަކާ އަރައިގަންނަން ޖެހޭ ކަމަށެވެ.

"އަހަރެން އެދެނީ އެކަމުން އަރައިގަނެ، ކުރިއަށް ވިސްނުމަށް. ހިނގައިދިޔަ އެ ހާދިސާއާ ގުޅިގެން ޖަކާ ހިތާމަކުރޭ. އެއީ ޓީމު އަދި ޖަކާއަށް ވެސް ފަސޭހަ ކަމެއް ނޫން. އޭނާ ވަނީ ޓީމާއެކު ޓްރެއިނިންތަކުގައި ބައިވެރިވެފައި. އަމަލުކުރެވުނީ ރަނގަޅަށް ނޫންކަން އޭނާއަށް އެނގޭ. ކޮންމެ ކުޅުންތެރިއަކަށް ވެސް ސަޕޯޓަރުންގެ އެހީ ބޭނުންވާނެ،" އާސެނަލްގެ ކޯޗު އެމެރީ ބުންޏެވެ.

އެމެރީ ބުނީ ވަކި ކުޅުންތެރިޔަކަށް ގޯހެއް ހެދިއްޖެ ނަމަ އެކަމާ މައާފަށް އެދެން ޖެހޭނެ ކަމަށާއި ހާދިސާއާ ގުޅިގެން ސަޕޯޓަރުންގެ ކިބައިން ޖަކާ މައާފަށް އެދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ޖަކާއަކީ ކެޕްޓަނެއްގެ ވިސްނުން ގެންގުޅޭ ކުޅުންތެރިއެއް ނަމަވެސް، އެ މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔައީ ކެޕްޓަނެއްގެ ސިފަ ނޫން ކަމަށް ވެސް އާސެނަލްގެ ކޯޗު ބުންޏެވެ.