ލާމަރުކަޒީ ނިޒާމް

އަންހެނުންގެ ކޮމިޓީތައް ކައުންސިލްތަކުން މިނިވަންކޮށް، މެންބަރުންނަށް މުސާރަ ކަނޑައަޅަން ގޮވާލައިފި

އިބްރާހިމް ޒަކީ

ރަށް ރަށުގައި ހަރަކާތްތެރިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ކައުންސިލްތަކުގެ ދަށުން ވަކިކޮށް، އެ ކޮމިޓީގެ މެންބަރުންނަށް ލިބެން ޖެހޭ މުސާރައެއް ގާނޫނުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ގޮވާލަައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މިއަދު ކުރިއަށް ގެންދާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގަން ޖެހޭ ގޮތަށް ހިންގަން އޮތް އެންމެ ބޮޑު ހުރަހަކީ ކައުންސިލްތައް ކަމަށެވެ. އެހެންކަމުން އެ ކޮމިީތައް ކައުންސިލްތަކުގެ ދަށުން މިނިވަންކޮށް މިނިވަން ގޮތުގައި ބާރާއެކީ މަސައްކަތް ކުރުމަށް އެ ކޮމިޓީތަކަށް ގާނޫނި ފުރިހަމަ ބާރުވެރިކަން ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އެ ބަދަލު ގެނަސް ގާނޫނީ ފުރިހަމަ ބާރު އަންހެނުންގެ ކޮމިޓީތަކަށް ދިނުމަށް ގާނޫނަށް ހުށަހަޅައިގެން މިހާރު ބަހުސް ކުރިއަށްގެންދާ އިސްލާހަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ގޮތުން ސިޓީ ކައުންސިލްތަކުގެ ދަށުގައި އޮންނަ ކޮމިޓީތައް އިންތިހާބު ކުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރިއަށް ގެންދާ ގޮތަށާއި، ކައުންސިލްތަކުގެ ދަށުގައި ހިމެނޭ ކޮމިޓީތަކުގެ އިންތިހާބު ސިޓީކައުންސިލުން ކުރިއަށް ގެންދަން ޖެހޭގޮތަށް ބިލުގައި އޮތްގޮތް ބަދަލު ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ކުރިއަށް ގެންދަން ޖެހޭނީ ކައުންސިލްތަކުގެ އިންތިހާބާ އެކު އެކީގައި އިލްކެޝަންސް ކޮމިޝަނުން ކަމަށެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ކައުންސިލްތަކުން ދޭން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައި ވާގޮތާއި، ކޮމިޓީތަކުގެ މަސައްކަތް ކައުންސިލްތަކުގެ ލަފަޔާއެކު ކުރިއަށް ގެންދާ ގޮތަށް އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓު ކަނޑައަޅަން ޖެހޭނީ އެ ކޮމިޓީތަކުގެ މެންބަރުންގެ ލަފާގެ މަތިން ދައުލަތުންނެވެ. އަދި އެ ބަޖެޓް ހޭދަ ކުރުމުގެ ފުރިހަމަ އިހުތިޔާރު ގާނޫނުން ކޮމިޓީތަކަށް ދޭން ޖެހޭނެއެވެ.

ޖީހާން ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސއްކަތްކުރާ ކޮމިޓީތަކުގެ މެއިންޑޭޓް ވެސް ކަނޑައަޅަން ޖެހޭނީ ގާނޫނަކުން ކަމަށެވެ. އަދި އެ ކޮމިޓީގެ މެންބަރުންނަށް އުޖޫރައެއް ދޭގޮތަށް ބިލުގައި ބުނެފައި ވާއިރު އެކަން ބަދަލުކޮށް ކޮމިޓީތަކުގެ މެންބަރުންނަށް މުސާރައެއް ކަނޑައަޅައި ގާނޫނުގައި ހިމަނަން ޖެހޭނެ ކަމަށްވެެސް އޭނާ ވިދާޅުވިއެވެ.