ޚަބަރު

ސިވިލް ސާވިސްއާއި ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރާނަން: ރައީސް

ސިވިލް ސާވިސްއާއި ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، މި އަހަރު ތެރޭގައި ސިވިލް ސާވިސްއާއި ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ވައުދުވެފައިވާ ފަދައިން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަން ޖެހޭނެކަމަށްވެސް ގަބޫލުކުރަން. އިރާދަ ކުރެއްވިއްޔާ މި އަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސްގެ މުއައްޒަފުންނާ ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެ ވާހަކަ އުފަލާއެކު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަމެއްދޭހެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުމަށް އެ މަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މިހާރު ލިބޭ އެލަވަންސްގެ ބަދަލުގައި މުސާރަ ލިބޭނެ ގޮތް ހެދުމާއި އެލަވަންސްތައް ލިބޭނެ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މި މަހު ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ،

ރައީސް ވިދާޅުވީ، ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުއީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.