ޚަބަރު

ކައުންސިލުތަކުން ދޫކުރާ ބިންތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭނެ ގޮތް ހަދަނީ

ކައުންސިލުތަކުން ދޫކުރާ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދެވޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންނަމާދުއަށް ވަޑައިގެން، ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ވެސް އެކަމަށް އެހާ ބޮޑަށް ފަހިކޮށްފައި ނެތުމުން ކައުންސިލުން ކުއްޔަށް ދޭ ބިމުގައި މިވަގުތަށް ދަތިތަކެއް ހުރޭ ކަމަށެވެ.

ބިން ކުއްޔަށް ދޭ މުއްދަތު ކުރުވީމަ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ ފަދަ ދާއިރާތަކަށް ބޮޑެތި މަޝްރޫއުތައް ހިންގުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ބިމާ ބެހޭ ސިޔާސަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ ސަރުކާރުން ކައުންސިލަށް ފަހިކޮށްދޭނަން ދިގު މުއްދަތަށް އެ ބިންތައް ކުއްޔަށް ދެވޭނެ ގޮތް، ވިއްސަކަށް އަހަރު ދުވަހަށް އެ ބިންތައް ކުއްޔަށް ނެގޭނެ ގޮތަށް އިރާދަކުރެއްވިއްޔާ އެގްރީމަންޓް ހަދައިގެން، އެ ކޮންފިޑެންސް އިންޑަސްޓްރީއަށް އިންވެސްޓުކުރަން ނޫނިއްޔާ ކްލަޔަންޓުންގެ ގޮތުގަ އަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ގޮތަށް، ތިބޭފުޅުންނަށް އެކަމުގަ މަގުފަހިވާނެ ގޮތަށް، ދިގު މުއްދަތަށް އެ ބިންތައް ކުއްޔަށް ނެގޭނެ ގޮތަށް އަޅުގަނޑުމެން މި އިންޑަސްޓްރީގައި މަސައްކަތްކުރާ ރާއްޖޭގެ ހުރިހާ ރަށެއްގަ ހަމަ އެކަން އެގޮތަށް ހަމަޖައްސައިދޭނެ ކަމަށް އަޅުގަނޑު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަށް މައިގަނޑު ގޮތެއްގަ އޮތް ދަތިކަމަކީ ފައިސާ ހޯދައިގެން އެ ދާއިރާގައި މަޝްރޫއުތައް ހިންގައިގެން ކުރިއަށްދިއުމުގައި އޮތް ދަތިކަން ކަމަށާއި އެހެންކަމުން އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

"އެހެންވީމާ މިރޭ ކުރެވުނު މަޝްވަރާގެ އަލީގަ އަދި މި ދެންނެވި ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެއް ކަމަކަށް މި ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއިގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭންކިން ނިޒާމުގެ ތެރެއިން ހަމަޖައްސައިދޭނެކަން އަޅުގަނޑު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ލުއިގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ހަމަޖައްސައިދިނުމުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް އެ ދާއިރާ ފުޅާކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ ކުރިއަރުވައި، ދިވެހި ޒުވާނުން ތަމްރީނުކުރުމަށް އިންނަމާދޫގައި އެކަމަށް ހާއްސަ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.