އިތުރު ފަސް ކައުންސިލަކަށް ހަތް ފަޅުރަށް ހަވާލުކުރަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ. އެގޮތުން ފަޅުރަށް ހޯދުމަށް ހުރިހާ ކައުންސިލަކުން ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިތުރު ފަސް ކައުންސިލަކުން ހަތް ފަޅުރަށް ހޯދުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
"އެއީ ހދ. އަތޮޅުކައުންސިލުން ހދ.ފަރިދޫ، ރ. ދުވާފަރު ކައުންސިލުން ރ. އެނބޫދޫ، ފ. އަތޮޅު ކައުންސިލުން ރ. މަކުނުއެރި، ގދ. ދެއްވަދޫ ކައުންސިލުގެ ފަރާތުން ގދ. ވިލިގަލާ، ގދ. އަތޮޅު ކައުންސިލުގެ ފަރާތުން ގދ. މާނައިދޫ، ވާރެޔާދޫ އަދި ލޮނުދޫ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް ފަސް ކައުންސިލަކަށް ވަނީ ފަޅުރަށްތައް ހަވާލުކޮށްފައެވެ. އެއީ ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ފެންފުށި، ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލި ރ. މަޑުއްވަރީ ކައުންސިލަށް އުފުލަންދޫ އަދި ރ. މީދޫ ކައުންސިލަށް ތާވާތާއެވެ.