ލާމަރުކަޒީ ނިޒާމް

ކައުންސިލުތަކުގެ އިދާރީ އެންމެ އިސް ވެރިޔާގެ ގޮތުގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފައްދަނީ

ކައުންސިލުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފައްދަން، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

މިހާރު އޮންނަ ގޮތުން ނަމަ، ކައުންސިލު ތަކުގެ އިދާރީ އެންމެ އިސް ވެރިޔާގެ މަގާމަގެ ނަމަކީ "ޒިންމާދާރު ވެރިޔާ" އެވެ. މި މަގާމަށް މީހަކު އައްޔަން ކުރަނީ ކައުންސިލުގެ ދައުރެއް ނެތި ސީދާ ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، އިދާރީ އެންމެ އިސް މަގާމަކީ ސެކްރެޓަރީ ޖެނެރަލް ކަމަށް ހަމަޖައްސާ އިރު، އެ ވަޒީފާ ދިނުމުގައި ކައުންސިލުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ކައުންސިލުތައް ޒިންމާދާރުކުރުމަށް ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލަށް ދެވޭ ފައިސާއާ އެކު ދައުލަތުގެ ޖުމުލަ ހަރަދު ބޮޑުވެގެން ނުދާނެކަން ކަށަވަރުކުރުމުގެ ގޮތުން ކައުންސިލުތަކަށް މަސައްކަތް ބަދަލުވާކަން ކަށަވަރުކުރުމާ އެކު ކައުންސިލުތަކަށް ދޭ ބަޖެޓާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތައް ގާނޫނުގައި ބަޔާންކުރުމާއި ބަޖެޓު ބޭނުންކުރެވޭނެ ގޮތްތަކާއި ހަރަދު ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް އަދި ރިޕޯޓިން މެކޭނިޒަމް ވެސް ގާނޫނުގައި ސާފުކޮށް ބަޔާންކުރުން ހިމެނެ އެވެ. އުސޫލުތަކުން ބޭރުން ކަންކަން ހިންގާ ނަމަ، ފިޔަވަޅު އެޅޭނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމާ އެކު ތަރައްގީގެ ޕްލޭން އަދި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމުގައި ރައްޔިތުން ހިޔާލު ހޯދުން ލާޒިމް ކުރަން ވަނީ ހުށަހަޅައިފަ އެވެ. ކޮންމެ މާލީ އަހަރެއް ނިމި ދެ މަސްދުވަސް ތެރޭ މާލީ ހިސާބުތައް ހުށަހެޅުމަކީ ކައުންސިލުގެ ރައީސް ނުވަތަ މޭޔަރުގެ ޒިންމާއެއްގެ ގޮތުގައި ހިމެނުމުގެ އިތުރުން ޕާފޯމެންސަށް ބެލުމަށް ފަހު ބެޖެޓު ދޫކުރަން ވެސް ބިލުގައި ވަނީ ހުށަހަޅައިފަ އެވެ.