ސޯޝިއަލް މީޑިއާގައި، ފޭކް ހަބަރުތައް ފެތުރުމާއި ބުލީ ކުރުމުގެ ކަންކަން އިންތިހާއަށް އިތުރުވެ، އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށާއި މިއީ ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ މައްސަލައެއް ކަމަށް ވުމެން އިން މެނޭޖްމެންޓުގެ ރައީސާ، އަދި ވަން މީޑިއާ ގުރޫޕުގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވެއްޖެ އެވެ.
މިންނު މިހެން ވިދާޅުވީ، މި ސަރަހައްދުގެ ގައުމުތަކުގައި، މައުލޫމާތު ފެތުރުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން، އިންޑިއާގެ ގޯ ނިއުސް އާއި ޔުނެސްކޯ ގުޅިގެން، މި މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ކުރިޔަށް ގެންދިޔަ "އޯޕަން ޓޯކްސް" ގައި ވާހަކަދައްކަވަމުންނެވެ.
މި އިވެންޓުގައި، ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ސްރީ ލަންކާގެ ޕްރެސް އިންސްޓިޓިއުޓުގެ ސީއީއޯ ކުމާރް ލޮޕޭޒް އާއި ބޫޓާންގެ އިންފޮމޭޝަން މިނިސްޓްރީގެ ކުރީގެ ސެކްރެޓަރީ ކިންލޭ ދޯރްޖީ އާއި ބަންގްލަދޭޝްގެ އީޓީވީގެ ސީއީއޯ އަދި އެޑިޓާ އިން ޗީފް، މޮންޖުރުލް އަހްސަން ބުލްބުލް އާއި އިންޑިއާގެ އެމިޓީ ސެންޓަރ ފޮރ ލިންގުއިސްޓިކް ސްޓަޑީސްގެ ޗެއާ، ޑރ. އުދާޔާ ނަރަޔަނާ ސިންގް ހިމެނެ އެވެ. މި ބޭބޭފުޅުން ވަނީ އެ ގައުމުތަކުގައި މައުލޫމާތު ހޯދައި ލިބިގަތުމުގައި ހުރި ގޮންޖެހުންތަކާއި ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ.
މި އިވެންޓުގައި، މިންނު ޕްރެސެންޓޭޝަން ދެއްވާފައި ވަނީ "އެކްސެސް ޓު ޑިޖިޓަލް އިންފޮމޭޝަން އިން ދަ މޯލްޑިވްސް" މި މައުޟޫ އަށެވެ.
މި ޕްރެސެންޓޭޝަނުގައި މިންނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް މަތިވެ، ޓެކްނޯލޮޖީއާ ރައްޓެހި އާބާދީއެއް އޮތުމާއި އެކު، އާބާދީގެ ހުރިހާ ހިސާބަކަށް އިންޓަނެޓު ލިބެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ މުޅީން އާ ޒަމާނެއް ރާއްޖެ އަންނަނީ ދެކެމުންނެވެ. އިންޓަނެޓު ފުޅާވެ، ބައިނަލް އަގުވާމީ ދުނިޔެއެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މައުލޫމާތު ފެތުރުމުގެ މައި ވަސީލަތަކީ، އޮންލައިން ނޫސްތައް ކަމަށް ވުމުން، އެ ފުރުސަތު ގިނަ ބަޔަކު ހިފަމުން އަންނަ ކަމަށާއި އެހެން ނަމަވެސް، މިއީ ކޮންޓްރޯލެއް ނެތް ނިޒާމެއް ކަމުން ވިސްނައިލާން ޖެހޭ ސީރިއަސް މައްސަލަތަކެއް އެބަހުރިކަން މިންނު ފާހަގަކުރެއްވި އެވެ.
"އެންމެ ސީރިއަސް އެއް މައްސަލައަކީ، ބުލީ ކުރުމާއި ނޫސްތަކުގެ ނަމުގަ އާއި އެނޫން ގޮތްގޮތުން ވެސް ފޭކް ނިއުސް ފެތުރުން. ފޭކް ނިއުސްއަކީ ބައެއް ގައުމުތަކުގައި ވަކި އިންޑަސްޓްރީއަކަށް ވަނީ ވެފައި. ރާއްޖޭގައި ވެސް ސޯޝިއަލް މީޑިއާގައި މީހުންގެ ހައްގުތަކަށް އަރައިގަތުމާއި ބުލީ ކުރުމާއި އެއްވެސް ހަގީގަތެއް ނެތް، ފޭކް ނިއުސްތައް ފެތުރުން މި ވަނީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ މިންވަރަށް އިތުރުވެފައި." މިންނު ވިދާޅުވި އެވެ.
މިންނު އިތުރަށް ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމަށް ފަހި ގާނޫނު ތަކާއި ގަވައިދުތައް ރާއްޖޭގައި ހަދާފައި އެބަ ހުރި ކަމަށާއި ގާނޫނެއްގެ ދަށުން އައްޔަން ކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރެއް ވެސް ރާއްޖޭގައި ހުންނަ ކަމަށެވެ. އެހެން ނަމަވެސް، މި މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިދިޔަ ދުވަސްތަކުގައި އެންމެ ފުރިހަމަޔަށް އަދާކުރެވިފައި ނުވާ ކަމަށެވެ. އެހެން ނޫން ނަމަ ޑިޖިޓަލް މީޑިއާގެ ތެރެއިން މައުލޫމާތު ހޯދައި ލިބިގަތުމަށް ހުރި ބައެއް ހުރަސްތައް ކުޑަ ކުރެވޭނެ ކަމަށް މިންނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިންނު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ގޮތުން އަންނަ ބަދަލުތަކެއް ތެރޭގައި މީޑިއާތަކަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތްކަން ފާއިތުވި އަހަރު ތަކުގެ ތެރޭގައި ވަނީ ފެނިގެން ގޮސްފަ އެވެ. 2018 ވަނަ އަހަރު އިންތިހާބުވި އާ ސަރުކާރުން، ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް އޮތް އަބުރުގެ ގާނޫނު އުވާލައި އިތުރު ފުރުސަތުތައް ހޯދައިދިންކަން ފާހަގަކުރައްވައި މިންނު ވިދާޅުވީ އެއީ ފެހި ސިގްނަލެއް ކަމަށެވެ. އެހެން ނަމަވެސް ހާލަތުގެ ތެރޭގައި އަންނަ އެ ފަދަ ކޮންމެ ބަދަލެއްގެ ސަބަބުން މީޑިއާއަށް ބިރުވެރިކަން ނާންނާނެކަން ކަށަވަރުކުރުމަށް ޓަކައި، ނޫސްވެރީންނަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބިދޭ ގާނޫނެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް ވެސް މިންނު ވިދާޅުވި އެވެ.