މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުގެ މަގާމަށް ހުސައިން ސަގީފް އިންތިހާބުކޮށްފިއެވެ.
އެމްއެމްސީގެ އަށްވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުމަށް އިއްޔެ ވޯޓެއް ނަގާފައިވާ އިރު، އެ ވޯޓުގައި ރައީސް ކަމަށް ވާދަކުރި ދެ މެންބަރުންނަށް ވެސް ހަތް ވޯޓު ލިބި ވަނީ އެއްވަރުވެފައެވެ. ރައީސްކަމަށް ވާދަކުރީ "ތިލަދުން"ގެ ސަގީފާއި "މިހާރު"ގެ ފާތިމަތު ޝަނާ މުހައްމަދެވެ.
އިއްޔެގެ ވޯޓުގައި ނައިބު ރައީސް ކަމަށް ވާދަކޮށް، އެ މަގާމަށް އިންތިހާބުވީ އަމިއްލަ މެންބަރު އިބްރާހިމް މުހައްމަދެވެ. އެ މަގާމަށް އޭނާއާ ދެކޮޅަށް ނުކުތީ އަމިއްލަ މެންބަރު އިބްރާހިމް ފައުޒީއެވެ. އިބްރާހީމަށް ނުވަ ވޯޓު ލިބުނު އިރު، ފައުޒީއަށް ލިބުނީ ފަސް ވޯޓެވެ.
މިއަދު އަލުން ރައީސްކަމުގެ މަގާމުގެ ވޯޓު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ވޯޓުގައި ރައީސް ކަމަށް ސަގީފް އިންތިހާބުވީ އަށް މެންބަރުންގެ ވޯޓާއެކުއެވެ. އަދި ޝަނާއަށް ލިބުނީ ހަތް ވޯޓެވެ.
އެމްއެމްސީގެ ރައީސްކަމަށް އިންތިހާބުވި ސަގީފް ވަނީ ހަވަނަ ދައުރުގެ ނައިބު ރައީސްކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.
އެމްއެމްސީގެ އަށްވަނަ ދައުރަށް މެންބަރުން އިންތިހާބުކޮށްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. ފަސް މެންބަރެއްގެ ދައުރު ހަމަނުވާތީ، އިންތިހާބުކޮށްފައިވަނީ ދިހަ މެންބަރުންނެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާއެކު ޖުމުލަ 15 މެންބަރުންގެ މައްޗަށެވެ.