ޚަބަރު

ސޯޝަލް މީޑިއާގައިވެސް އެންމެންގެ މަސްލަހަތު ހިމާޔަތްވާން ޖެހޭ، މީޑިއާގެ މިނިވަންކަމަށް ހުރަހެއް ނާޅާނަން: ނާޒިމް

ސޯޝަލް މީޑިއާގައި ވެސް އެންމެންގެ މަސްލަހަތު ހިމާޔަތްވާންޖެހޭ ކަމަށާއި މީޑިއާގެ މިނިވަންކަމަށް ދުވަހަކުވެސް ހުރަސް ނާޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ސަން އޮންލައިން" އަށް ނާޒިމް ދެއްވި އިންޓަވިއެއްގައި މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރުމަށް ސަރުކާރުން ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން، އެ ވާހަކަ އޮޅުން އަރާފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރަމުންދާކަން ފާހަގަކުރައްވަމުން ނާޒިމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިހާތަނަށް މި ވޭތުވެދިޔަ ދިގު މުއްދަތުގައި ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާނެ ކަންކަމުގައި ވަކާލާތުކޮށް ގިނަ ކަންކަން ކާމިޔާބުކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫނެވެ. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާނެ މީހެއް ނޫނެވެ. އަދި އެފަދަ ކަމަކަށް ދުވަހަކުވެސް ތާއީދުކުރާނެ މީހެއް ނޫނެވެ..،" ނާޒިމްގެ ބަޔާނުގައި ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މީޑިއާއަކީ މިއަދު ވަރަށް ބޮޑު މިނިވަންކަމަކާއި ބާރެއް ލިބިފައިވާ، އަދި ޑިމޮކްރެޓިކް މުޖުތަމައެއްގެ އެއް އަސާސްކަން އެއްގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި މީޑިއާތައް ރެގިއުލޭޓުކުރުމަށް ދެ މުއައްސަސާއެއް އުފައްދާފައިވީ ނަމަވެސް، އެ ދެ މުއައްސަސާ ވެސް އެންމެ ފުރިހަމަގޮތުގައި ހިނގަމުން ނުދާކަން މީޑިއާތަކުން ވެސް ގަބޫލުކުރާނެ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަކީ ދައުލަތުގެ ރިސޯސްތައް ޑުޕްލިކޭޓްވުމުގެ އިތުރުން، ނަތީޖާއެއް ނުނެރެވޭ ފަދަ ގޮތަކަށް އޮތް ދެ މުއައްސަސާ ކަމަށް އޭނާ ވިދާޅުވިއެވެ.

"2024 ވަނަ އަހަރުވެސް މި ދެ މުއައްސަސާއަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަޅުގަނޑުގެ މަގުސަދަކީ މިފަދަ ދޯހަޅި ގޮތްގޮތަކަށް ހުރި މުއައްސަސާތައް ރިފޯމުކުރުމެވެ. މީޑިއާތަކުން ވެސް ބޭނުންވަނީ އެމީހުންގެ ހަގީގީ ބެލެނިވެރި ފަރާތަކީ ކޮބައިތޯ ދެނެގަތުމަށާއި، އަދި އެ ބެލެނިވެރި ފަރާތަކީވެސް އެމީހުންގެ ހައްގުގައި އަޑުއުފުލާނެ ހަގީގީ ބާރުވެރި ފަރާތެއްތޯ ޔަގީންކޮށް ކަށަވަރުކުރުމެވެ..،" ނާޒިމް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގެ އެކިއެކި މަންސަތައް ޒުވާނުން ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެ މަންސަތައް ރެގިއުލޭޓްކުރުމަކީ މުހިންމުކަމެއްކަން ހުރިހާ ފަރާތްކުން ވެސް އެއްބަސްވާނެ ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި އެފަދަ މަންސަތައް ބްލޮކުކޮށް ނުވަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުން ނޫން ކަމަށެވެ.

"މިފަދަ މަންސަތައް ބޭނުންކުރެވޭ އިރު، އަނެކާގެ އަބުރާއި އިއްޒަތް ވެސް އެއީ އޮންނާނެ އެއްޗެއްކަން ދެނެގަންނަން އެބަޖެހެއެވެ. އަނިޔާ ލިބޭ ފަރާތުން އިންސާފު ހޯދުމަށް ދޮރުގައި ޓަކި ޖަހާ އިރު، އިންސާފު ހޯދައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ ގާނޫނުކަމާއި، އަދި މިވަގުތު އެފަދަ ގާނޫނެއް ދިވެހިރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ..،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ގިނަ ގައުމުތަކަކުން މިހާރު އެފަދަ ފިޔަވަޅުތައް އަޅަން ފަށައި، އެފަދަ ގާނޫނުތައް ޑްރާފްޓުކޮށް ފާސްކޮށްފައިވާ ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް އަންނަ އިރު، އެންމެންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގާނޫނީ އޮނިގަނޑެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް އޮޅޭފަދަ، ފިތުނަވެރި ގޮތަކަށް ހަބަރާއި މައުލޫމާތު ނުފެތުރުމަށް ވެސް ނާޒިމް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރުމަށް ބިލެއް ހުށަހަޅުއްވާ ކަމަށް ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ބިލެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންނުދާ ކަމަށެވެ. އަދި އެފަދަ ބިލެއް ހުށަހެޅުމަށް ސަރުކާރުގެ ލެޖިސްލޭޓިން އެޖެންޑާގައި ވެސް ހިމަނައިފައިނުވާނެ ކަމަށާއި ސަރުކާރުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބިލެއް ހުށަނާޅާނެ ކަމަށް ހީނާ ވިދާޅުވިއެވެ.