ތައުލީމީ ދާއިރާ

ފަސް ސަރަހައްދެއްގައި ފަސް އަހަރު ތެރޭ ފަސް ޖޫނިއާ ކޮލެޖާއި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު ހަދަނީ

މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޖޫނިއާ ކޮލެޖާއި މަތީ ތައުލީމުދޭ ފަސް މަރުކަޒެއް ގާއިމް ކުރުމަށް ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެސްއޭޕީގެ މަތީ ތައުލީމުގެ ދާއިރާއިން ފަސް އަހަރުގެ ތެރޭގައި ހާސިލްކުރަން ކަނޑައަޅާފައިވާ މައިގަނޑު ހަ ކަމެއް ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި 2023ގެ ނިޔަލަށް، ފަސް ސަރަހައްދެއްގައި ފަސް ޖޫނިއާ ކޮލެޖާއި ފަސް ސަރަހައްދެއްގައި މަތީ ތައުލީމުދޭ ފަސް މަރުކަޒަކުގެ އިތުރުން ރީޖަނަލް އާބަން ފަސް ސެންޓަރުގައި ޒަމާނީ ފެންވަރުގެ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ތަމުރީން ފޯރުކޮށްދޭ ފަސް މަރުކަޒު ގާއިމްކުރުމަށް ކަނޑައަޅާފައިވެއެވެ.

މަތީ ތައުލީމުގެ ތެރެއިން ފަސް ސަރަހައްދެއްގައި ކޮލެޖުތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކާއި ތަމުރީން ފޯރުކޮށްދޭ މަރުކަޒުތައް ގާއިމްކުރާއިރު، މި ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި މާލެ ސަރަހައްދަށް ބާރުތަކާއި ޚިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި ފަސް ސަރަހައްދަކަށް ބަހާލައިގެން ރާއްޖެ ތަރައްގީ ކުރުމެވެ.

މިދިޔަ އޮގަސްޓްމަހު ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ބޭއްވި ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭންގައި، ރާއްޖެ ތަރައްގީ ކުރަން ރާވާފައިވަނީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ ސަރަހައްދުތައް ކަނޑައަޅާފައިވަނީ އިގްތިސާދީ ހާލަތާއި އާބާދީއަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އަދި އެ ސަރަހައްދުތައް ފައިނަލް ކޮށްފައެއް ނުވެއެވެ.

އެގޮތުން ޕްރައިމަރީ ސަރަހައްދުތަކުގެ ގޮތުގައި ސަރުކާރުން ފާހަގަކުރާ ރަށްތަކަކީ، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން، ގދ. ތިނަދޫ އަދި ސ. ހިތަދޫއެވެ.

މި ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދު އާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ހިމަނަން އޮތީ ވިސްނައިފައެވެ.