ދެހާސް އެކާވީސް ވަނަ އަހަރުގެ ނިޔަލަށް މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް އެއް ޕަސެންޓަށް ދަށްކުރުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެސްއޭޕީގެ މަތީ ތައުލީމުގެ ބައިން ޖުމުލަ ހަ ކަމެއް ހާސިލް ކުރުމަށް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރުގެ ނިޔަލަށް ލޯން އިންޓަރެސްޓް ރޭޓް އެއް ޕަސެންޓަށް ދަށްކުރުމަށް ވަނީ ހިމަނަފައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތައުލީމީ ދާއިރާއިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާސިލްކުރަން ކަނޑައެޅި އެއްކަމަކީ ވެސް ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފްކޮށް، އަދި މިހާރު ކިޔަވާ ލޯނު ދައްކަމުން އަންނަ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށްފަހު ރީސްޓްރަކްޗާ ކުރުމަށް ހުޅުވާލުމެވެ.
އެ ވައުދުގެ ތެރެއިން މި ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯން ސްކީމްގެ އިންޓަރެސްޓް ރޭޓް ތިން ޕަސެންޓަށް ކުޑަކޮށްފައެވެ. ސްޓޫޑެންޓް ލޯން ސްކީމުން އިންޓަރެސްޓް ރޭޓްގެ ގޮތުގައި ކުރިން ނަގަމުން އައީ ފަސް ޕަސެންޓެވެ. މީގެ އިތުރުން ލޯނު ދައްކާ މުއްދަތު 25 ޕަސެންޓަށް ވެސް ވަނީ އިތުރުކޮށްފައެވެ.
އެސްއޭޕީގައި ދެން ހިމެނޭ ފަސް ކަމަކީ 2023 ވަނަ އަހަރުގެ ކުރިން ހާސިލްކުރަން ކަނޑައަޅާފައިވާ ކަންކަމެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ތެރެއިން 25،000 ފަރާތަކަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދެވިފައިވުން ހިމެނެއެވެ.
އޭގެ އިތުރުން ހަމައެކަނި މާލެ ސަރަހައްދަށް ބާރުތަކާއި ހިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި ފަސް ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް ފަސް ސަރަހައްދެއްގައި ފަސް ޖޫނިއާ ކޮލެޖާއި މަތީ ތައުލީމުދޭ ފަސް މަރުކަޒު އަދި ޒަމާނީ ފެންވަރުގެ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ތަމްރީން ފޯރުކޮށްދޭ ފަސް މަރުކަޒު ގާއިމްކުރުމަށް ވަނީ ހިމަނައިފައެވެ.
އަދި ގައުމީ ތަރައްގީ އާއި ގުޅުންހުރި ދާއިރާތަކުން ކުރިއަށްގެންދެވޭ 30 ދިސާރާކުރާ ޕްރޮޖެކްޓަށް ނޭޝަނަލް ރިސާޗް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފައިވުން ކަނޑައަޅާފައިވެއެވެ.