މެޑްރިޑްގެ ވާދަވެރި ދެ ކްލަބު، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި ސްޕެނިޝް ލަލީގާގެ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރެއާލާއި އެތުލެޓިކޯ ރޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައިވަނީ އެތުލެޓިކޯގެ ދަނޑުގައެވެ.
އެ މެޗުގެ އަށްވަނަ މިނެޓުގައި އެތުލެޓިކޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑިއޭގޯ ކޮސްޓާ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޖޮއާއޯ ފީލިކްސް ފޮނުވާލި ހަމަލާ ދިޔައީ ރެއާލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އެ މެޗުގައި ރެއާލަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވަނީ ޓޯނީ ކްރޫސްއަށެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ކްރޫސް ފޮނުވާލި ހަމަލާ އާއި މެޗުގެ 40 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ވެސް އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލަކް ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ރެއާލަށެވެ. އެގޮތުން ރެއާލްގެ ވޭލްސް ފޯވަޑް ގެރެތު ބޭލްއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. މެޗުގެ 56 ވަނަ މިނެޓުގައި ބޭލް ފޮނުވާލި ހަމަލާ އާއި މެޗުގެ 70 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ވެސް އެތުލެޓިކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ރެއާލަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ނާޗޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާ، އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ލަލީގާގެ ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ރެއާލްއެވެ. ރެއާލަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ގްރެނޭޑާ އަދި ތިންވަނައިގައި އޮތް އެތުލެޓިކޯ، އެއިން ކޮންމެ ޓީމަކަށް ވެސް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ގްރެނޭޑާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއަށް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.