ސްޕެނިޝް ލަލީގާ

ވިޔަރެއާލް އަތުން ބާސާއަށް ހަނި މޮޅެއް

އަލީ ރިފްޝާން

ސްޕެނިޝް ލަލީގާގައި ވިޔަރެއާލް އަތުން ހަނި ތަފާތަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވިޔަރެއާލް އަތުން ބާސާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ބާސާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލިއޮނެލް މެސީ ނަގައިދިން ކޯނަރަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގްރީޒްމަން ބޮލުން ފޮނުވާލި ހަމަލާ، ވިޔަރެއާލްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ބާސާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސާޖިއޯ ބުސްކެޓްސް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އާތާއެވެ. އޭނާ ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ވިޔަރެއާލް ގޯލުގެ މަތީ ކަނަކަށެވެ.

ގިނަ މަސައްކަތްތަކަކަށްފަހު މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ވިޔަރެއާލުން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ވިންސެންޓް އިބޯރާ ދިން ބޯޅައަކުން ވިޔަރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓި ކަޒޯލާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ ދެވަނަ ހާފުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ބަދަލުކޮށްފައެވެ. މެސީގެ ބަދަލުގައި ކުޅެން ނުކުތީ އެޓީމުގެ ފްރާންސް ފޯވަޑް އޮސްމާނޭ ޑެމްބެލޭއެވެ.

މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ވިޔަރެއާލަށެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން ވިޔަރެއާލަށް ލިބުނު ފުރުސަތަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަޒޯލާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބާސާގެ ކީޕަރު އަންދްރޭ ޓާ ސްޓެގަންއެވެ.

މިސީޒަނުގެ ލަލީގާގައި ކުޅުނު ހަ މެޗުގެ ތެރެއިން ބާސާ ވަނީ ދެ މެޗަކުން ބަލިވެފައެވެ. ރޭ ކުޅުނު މެޗުން ހޯދި ތިން ޕޮއިންޓާއެކު ބާސާ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. ބާސާއަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ބާސާ އަތުން ބަލިވި ސެވިއްޔާއަށް ވެސް ކުޅުނު ހަ މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. ނަމަވެސް ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ތާވަލުގައި ބާސާގެ ކުރީގައި އޮތީ ގްރެނޭޑާ އާއި އެތުލެޓިކް ކްލަބު އަދި ރެއާލް މެޑްރިޑެވެ. އެ ތިން ޓީމަށް ވެސް ލިބިފައިވަނީ 11 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ގްރެނޭޑާ އިން ހަ މެޗު ކުޅުނު ނަމަވެސް، އެތުލެޓިކް ކްލަބާއި ރެއާލް މެޑްރިޑް ލީގުގައި ކުޅެފައިވަނީ ފަސް މެޗެވެ. ގްރެނޭޑާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.