ފީފާ ދަ ބެސްޓް

އަކޫ އާއި ސެގާޓްގެ ވޯޓު ވެސް ވެން ޑައިކްއަށް

އަލީ ރިފްޝާން

ފީފާ އިން ހޮވާ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ މަގާމު ހޮވުމަށް ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ) އާއި ގައުމީ ކޯޗު ޕީޓާ ސެގާޓްގެ ވޯޓު ވެސް ދިނީ ލިވަޕޫލުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްއަށެވެ.

އިޓަލީގެ މިލާނުގައި ރޭ ބޭއްވި ފީފާ އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހޯދި އިރު، ދެވަނައަށް ދިޔައީ ވެން ޑައިކްއެވެ. އަދި ތިންވަނައަކީ ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އަކޫގެ ފުރަތަމަ ވޯޓު ވެން ޑައިކްއަށް ދިން އިރު، ދެވަނަ ވޯޓު ދިނީ މެސީއަށެވެ. އަދި އަކޫގެ ތިންވަނަ ވޯޓު ދިނީ ރޮނާލްޑޯއަށެވެ. ގައުމީ ކޯޗު ސެގާޓްގެ ވޯޓު ވެސް ދިނީ އަކޫ ވޯޓު ދިން ތަރުތީބަށެވެ. ސެގާޓްގެ ފުރަތަމަ ވޯޓު ވެން ޑައިކްއަށް ދިން އިރު، ދެވަނަ ވޯޓު ދިނީ މެސީއަށެވެ. އަދި ސެގާޓްގެ ތިންވަނަ ވޯޓު ދިނީ ރޮނާލްޑޯއަށެވެ.

އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ވޯޓު ދިން ގޮތަށް ބަލައިލާ އިރު، އޭނާގެ ފުރަތަމަ ވޯޓު ދިނީ ލިވަޕޫލް ފޯވަޑް ސާޑިއޯ މާނޭއަށެވެ. މެސީގެ ދެވަނަ ވޯޓު އޭނާގެ ވާދަވެރިޔާ ރޮނާލްޑޯއަށް ދިން އިރު، މެސީގެ ތިންވަނަ ވޯޓު ދިނީ މިސީޒަނުގައި އޭނާއާއެކު ބާސާއަށް ކުޅެމުން އަންނަ ފްރޭންކީ ޑި ޔޮންގްއަށެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުރަތަމަ ވޯޓު ދިނީ މިސީޒަނުގައި އޭނާއާއެކު ޔުވެންޓަސްއަށް ކުޅެމުން އަންނަ ޑިފެންޑަރު މެތިއަސް ޑި ލައިޓްއަށެވެ. ރޮނާލްޑޯގެ ދެވަނަ ވޯޓު މިސީޒަނުގައި ބާސާއަށް ކުޅެމުން އަންނަ ފްރޭންކީ ޑި ޔޮންގްއަށް ދިން އިރު، އޭނާގެ ތިންވަނަ ވޯޓު ދިނީ ޕީއެސްޖީ ފޯވަޑް ކީލިއާން އެމްބާޕޭއަށެވެ.

ފީފާ ބެސްޓް އެވޯޑްސްގައި ވޯޓު ދެނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ ގައުމީ ޓީމުގެ ކޯޗުންނާއި ގައުމީ ޓީމުގެ ކެޕްޓަނުންނާއި ނޫސްވެރިންގެ އިތުރުން އޮންލައިން ވޯޓުންނެވެ. ކޮންމެ ބަޔަކަށް ވެސް އޮންނަނީ 25 އިންސައްތައެވެ.