ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހޯދައިފިއެވެ.
އިޓަލީގެ މިލާނުގައި ރޭ ބޭއްވި ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ ހޯދާފައިވަނީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްއާ ވާދަކޮށްގެންނެވެ. ވޯޓުގައި މެސީއަށް ލިބުނީ 46 ޕޮއިންޓެވެ. ވޯޓުގައި ވެން ޑައިކްއަށް 38 ޕޮއިންޓް ލިބުނު އިރު، ރޮނާލްޑޯއަށް ލިބުނީ 36 ޕޮއިންޓެވެ.
މިއަހަރުގެ ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް ވާދަކުރީ އެ ތިން ކުޅުންތެރިންނެވެ. މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސައިލުމަށްފަހު ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ވެން ޑައިކްއެވެ.
މެސީ ވަނީ ބާސާއަށް މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ ކާމިޔާބީއަކީ ބާސާއާއެކު މެސީ ހޯދި ދިހަވަނަ ލަލީގާއެވެ. މިދިޔަ ސީޒަނުގައި މެސީ ވަނީ ބާސާއަށް ކުޅުނު 50 މެޗުން 51 ލަނޑު ކާމިޔާބުކޮށްފައެވެ. ފާއިތުވެދިޔަ ދިހަ އަހަރު ވެސް އޭނާ ވަނީ ކޮންމެ ސީޒަނެއްގައި 40 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާނީ ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދި ވެން ޑައިކްއެވެ. މިދިޔަ ސީޒަނުގައި ވެން ޑައިކް ވަނީ ލިވަޕޫލަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
އެ އެވޯޑަށް މެސީއާ ވާދަކުރި ރޮނާލްޑޯ ވެސް ވަނީ މިދިޔަ ސީޒަނުގައި ކާމިޔާބީތަކެއް ހޯދައިފައެވެ. ޕޯޗުގަލްގެ ގައުމީ ޓީމާއެކު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ކުޅުނު ފުރަތަމަ ސީޒަނުގައި އެޓީމަށް އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދިނުމަށް އިސް ދައުރެއް އަދާކޮށްފައެވެ. ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި 43 މެޗުން ޔުވެންޓަސްއަށް 28 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މީގެ ކުރިން މެސީއަށް އެންމެ ފަހުން ލިބިފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ އޭނާ ފީފާގެ އެ އެވޯޑު ހޯދި ހަވަނަ ފަހަރެވެ. މެސީއާ އެންމެ ވާދަވެރި ރޮނާލްޑޯއަށް އެ އެވޯޑު ހޯދިފައިވަނީ ފަސް ފަހަރެވެ.
ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 2016 އަދި 2017 ވަނަ އަހަރު ހޯދީ ރޮނާލްޑޯއެވެ. އަދި މެސީ އާއި ރޮނާލްޑޯގެ ދިހަ އަހަރުގެ ވާދަވެރިކަމަށްފަހު، މިދިޔަ އަހަރު އެ އެވޯޑު ހޯދީ ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ. އެ ފަހަރު ގަދަ ތިނެއްގައި ރޮނާލްޑޯ ހިމެނުނު ނަމަވެސް، މެސީއަށް ގަދަ ތިނަކުން ޖާގަ ލިބިފައެއް ނުވެއެވެ.
ފީފާ އިން ހޮވާ ވޯލްޑް 11 ޓީމުގައި މިއަހަރުވެސް މެސީ ވަނީ ހިމެނިފައެވެ. މެސީއާއެކު ދެން އެ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނަކީ ރޮނާލްޑޯ، ވެން ޑައިކް، ލޫކާ މޮޑްރިޗް، ގޯލްކީޕަރު އެލިސަން ބެކާ، މާސެލޯ، މެތިއަސް ޑި ލައިޓް، ސާޖިއޯ ރާމޯސް، ފްރެންކީ ޑި ޔޮންގް، އެޑެން ހަޒާޑް އަދި ކީލިއާން އެމްބާޕޭއެވެ.
އަހަރުގެ އެންމެ ރީތި ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ޕުސްކަސް އެވޯޑަށް ވެސް މެސީ ވާދަކުރިއެވެ. ނަމަވެސް މެސީ ފަހަތަށް ޖައްސައިލުމަށްފަހު، އެ އެވޯޑު ހޯދާފައިވަނީ 18 އަހަރުގެ ހަންގޭރީ ފޯވަޑް ޑެނިއެލް ޒޯރީއެވެ. މިއަހަރުގެ ފެބްރުއަރީ މަހު އޭނާ ޖެހި އެ ލަނޑަކީ އޯވާހެޑް ކިކްއަކުން ކާމިޔާބުކުރި ލަނޑެކެވެ. ހަންގޭރީގެ ޑެބްރެކެންއަށް ކުޅުނު އެ މެޗަކީ އޭނާގެ ސީނިއާ ކެރިޔަރުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ ކްލަބުގައި ވިދާލުމަށްފަހު މިމަހުގެ އެއްވަނަ ދުވަހު ޒޯރީ ވަނީ ހަންގޭރީގެ ފެހެރްވާރްއާ ގުޅިފައެވެ.
އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދީ އެމެރިކާގެ މޭގަން ރަޕީނޯއެވެ. އޭނާ ވަނީ މިއަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ތަށި އެމެރިކާއަށް ދިފާއުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ވެސް ހޯދީ ރަޕީނޯއެވެ.