ސްޕެނިޝް ލަލީގާގައި ސެވިއްޔާ ބަލިކޮށް ރެއާލް މެޑްރިޑް ދެވަނައަށް ޖެހިލި އިރު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާއާ އަތުން ރެއާލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅު ރެއާލުން ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތު ތަނަވަސްކޮށްފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އެޑެން ހަޒާޑް ފޮނުވާލި ހަމަލާ އަދި މެޗުގެ 39 ވަނަ މިނެޓުގައި ޑަނިއެލް ކާވޭހަލް ފޮނުވާލި ހަމަލާ ވެސް ސެވިއްޔާގެ ކީޕަރު ޓޮމަސް ވަކްލިކް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކާވޭހަލް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ރެއާލުން ލީޑު ހޯދިތާ ފަސް މިނެޓު ފަހުން ސެވިއްޔާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެވިއްޔާގެ އާޖެންޓީނާ މިޑްފީލްޑަރު ލޫކަސް އޮކަމްޕޮސް ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
ރަށުން ބޭރުގައި އިއްޔެ ކުޅުނު މެޗުގައި ގްރެނޭޑާ އަތުން ބާސާ ވަނީ ބަލިވެފައެވެ. އެ މެޗުން ބާސާ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ މިސީޒަނުގެ ލަލީގާގައި ބާސާ ބަލިވި ދެވަނަ މެޗެވެ.
އެ މެޗު ފެށިތާ މިނެޓެއް ފަހުން ގްރެނޭޑާ އިން ވަނީ ބާސާ ކޮޅަށް ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބާސާގެ ޑިފެންޑަރު ޖޫނިއާ ފިރްޕޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ގްރެނޭޑާ އިން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަމޮން އަޒީޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެންޓޯނިއޯ ޕުއާޓޭސް ދިން ބޯޅައަކުން ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ގްރެނޭޑާއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ވަރަށް ހުސްކޮށް ހުރެ، ޕުއާޓޭސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބާސާގެ ކީޕަރު އަންދްރޭ ޓާ ސްޓެގަންއެވެ. ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްނުކުރެވި، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ގްރެނޭޑާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ބާސާގެ ކުޅުން ވަރުގަދަކުރުމަށް ބެންޗުގައި އިން އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކުޅެން ނެރުނެވެ. ކުޅެން ނުކުތުމަށްފަހު މެސީއަށް ލިބުނު ފުރަތަމަ ފުރުސަތަކީ ހިލޭ ޖެހުމެކެވެ. މެސީގެ އެ ހިލޭ ޖެހުން ގްރެނޭޑާގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ގްރެނޭޑާ އިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ވީއޭއާރް ބެލުމަށްފަހު ރެފްރީ އެ ޕެނަލްޓީ ދިނީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން އާޓުރޯ ވިޑާލް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމުމަށްފަހުއެވެ. ގްރެނޭޑާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލްވާރޯ ވަޑިއްލޯއެވެ.
ގްރެނޭޑާ އިން ލީޑު ފުޅާކުރިތާ ދެ މިނެޓު ފަހުން ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބާސާގެ 16 އަހަރުގެ ފޯވަޑް އަންސޫ ފަޓީ ފޮނުވާލި ހަމަލާ، ގްރެނޭޑާގެ ކީޕަރު ރުއި ސިލްވާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ބާސާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އާޓުރޯ ވިޑާލް ފޮނުވާލި ހަމަލާ ސެވިއްޔާގެ ޑިފެންޑަރުން ބްލޮކް ކުރި އިރު، މެސީއަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގްރެނޭޑާގެ ކީޕަރު ސިލްވާއެވެ.
ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކް ކްލަބު އަދި ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. އެތުލެޓިކް ކްލަބު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އިއްޔެ ބާސާ އަތުން މޮޅުވި ގްރެނޭޑާ އޮތީ ފަސް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި ބާސާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ.