ކުޑަކުދީން

ލ. ގަމުގައި ފެންގަނޑަށް ވެއްޓުން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް، އައިޖީއެމްއެޗްގައި ފަރުވާދެނީ

އާނިފާ ހުސެއިން ސިރާޖް

ލ. ގަމުގައި ފެންގަނޑަށް ވެއްޓުނު ދެ އަހަރުގެ ކުޑަކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އިސްމާއިލް ވިދާޅުވީ ކުޑަކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ފަރުވާ ދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.

އިއްޔެ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ކުޑަކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވަނީ ރޭ 11:00 ހާއިރުއެވެ.

އިއްޔެ ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު "ވަން" އަށް ވިދާޅުވީ، ފެންގަނޑަކަށް ވެއްޓިގެން އިއްޔެ 3:00 އެހާކަންހާއިރު އެ ކުޑަ ފިރިހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހޭ ނެތް ކަމަށެވެ.

ފުލުހުން ބުނީ، ފަރުވާ ދެމުން އަންނަ ކުއްޖާ ވެއްޓިފައިވަނީ އެ ކުއްޖާ އުޅޭ ގޭގެ ގޯތި ތެރޭގައި ހުރި މަސް ފެންގަނޑަކަށް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ.