ރެއާލް މެޑްރިޑަށް ބެލްޖިއަމް ތަރި އެޑެން ހަޒާޑް ކުޅުނު ފުރަތަމަ މެޗުގައި ހަނި ތަފާތަކުން ލެވަންޓޭ އަތުން މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި އިއްޔެ ކުޅުނު ސްޕެނިޝް ލަލީގާގެ މެޗުގައި ލެވަންޓޭ އަތުން ރެއާލް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. މިސީޒަނުގައި ރެއާލްއާ ގުޅުނު އެޑެން ހަޒާޑް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ.
އެ މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ރެއާލްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާއެއް ލެވަންޓޭގެ ކީޕަރު އައިޓޯ ފެނާންޑޭޒަށް މަތަކުރަން ޖެހުނެވެ. އަދި މެޗުގެ ހަތްވަނަ މިނެޓުގައި ލެވަންޓޭގެ އޮސްކާ ޑުއާޓޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ރެއާލްގެ އިތުރު ހަމަލާތަކަކަށް ފަހު، އެޓީމުން ލީޑު ހޯދީ މެޗުގެ 25 ވަނަ މިނެޓުގައެވެ. ޑެނިއެލް ކާވޭހަލް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލެވަންޓޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ރެއާލުން ލީޑު ހޯދިތާ ހަ މިނެޓު ތެރޭ އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. ހަމޭސް ރޮޑްރިގޭޒް ދިން ރީތި ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ބެންޒެމާއެވެ.
ރެއާލުން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ދިން ބޯޅައަކުން ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ތެރޭ ލެވަންޓޭ އިން ވަނީ ލަނޑެއް ޖަހައި، އުންމީދު އާކޮށްފައެވެ. ކާލޮސް ކްލާކް ނަގައިދިން ނުރައްކާތެރި ހުރަހަކުން ލެވަންޓޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބޯޖާ މަޔޮރަލްއެވެ. އޭނާއަކީ ލޯނުގެ ދަށުން ލެވަންޓޭއަށް ކުޅެމުން އަންނަ ރެއާލްގެ ކުޅުންތެރިއެކެވެ.
މެޗުގައި ހަޒާޑް ކުޅެން ނުކުތީ 60 ވަނަ މިނެޓުގައި ކަސެމީރޯގެ ބަދަލުގައެވެ. އޭނާ ކުޅެން ނުކުތްތާ މާގިނައިރުތަކެއް ނުވަނީސް، ލެވަންޓޭގެ ގޯލަށް ވަނީ ނުރައްކާކޮށްފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ހަޒާޑް ފޮނުވާލި އެ ހަމަލާ، ލެވަންޓޭގެ ކީޕަރު އައިޓޯ ވަނީ މަތަކޮށްފައެވެ.
ރެއާލުން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރަމުން ދަނިކޮށް، މެޗުގެ 75 ވަނަ މިނެޓުގައި ލެވަންޓޭ އިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ހޯސޭ ކަމްޕާނާ ނަގައިދިން ހުރަހަކުން ލެވަންޓޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ މެލެރޯއެވެ.
ރެއާލް އޮތީ ލަލީގާ ތާވަލުގެ ދެވަނައިގައެވެ. ރެއާލަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އެތުލެޓިކް ކްލަބަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދި އެތުލެޓިކޯ މެޑްރިޑެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއެވެ.