ސްޕެނިޝް ލަލީގާ

އުމުރުން 16 އަހަރުގެ ފަޓީ އަނެއްކާވެސް ވިދާލައިފި، ވެލެންސިއާ އަތުން ބާސާއަށް މޮޅެއް

އަލީ ރިފްޝާން

ސްޕެނިޝް ލަލީގާގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ވެލެންސިއާ އަތުން ބާސާ މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި ވެސް ބާސާގެ އާޖެންޓީނާ ތަރި ފެނިގެންގޮސްފައެއް ނުވެއެވެ.

ރޭ ކުޅުނު މެޗުގެ ކުރީކޮޅު ބާސާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ފްރޭންކީ ޑި ޔޮންގް ދިން ބޯޅައަކުން ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔައި އުމުރުން 16 އަހަރުގެ ފޯވަޑް އަންސުމަން ފަޓީއެވެ. އަދި މެޗުގެ ހަތްވަނަ މިނެޓުގައި ފަޓީ ދިން ބޯޅައަކުން ބާސާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑި ޔޮންގްއެވެ.

ވެލެންސިއާ އިން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، އުންމީދު އާކޮށްފައެވެ. ރޮޑްރިގޯ ދިން ރީތި ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ގެމޭރޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓު ތެރޭ ބާސާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. ބާސާގެ ކުރީގެ ކީޕަރު ޖެސްޕާ ސިލެސަންއަށް ހެދުނު ގޯހަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކޭއެވެ.

ބާސާގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒެވެ. މެޗުގެ 61 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި ލަނޑަކީ ބްރެޒިލް މިޑްފީލްޑަރު އާތާ މެލޯ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި 82 ވަނަ މިނެޓުގައި ސުއަރޭޒް ކާމިޔާބުކުރި ލަނޑަކީ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ވެލެންސިއާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ރަޝިއާ މިޑްފީލްޑަރު ޑެނިސް ޗެރިޝޭފް ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް މެކްސީ ގޮމޭޒްއެވެ.

އެ މޮޅާއެކު ބާސާ ވަނީ ލަލީގާ ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލައިފައެވެ. ބާސާއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ތިންވަނައިގައި އޮތް އެތުލެޓިކް ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.